ޝެއިޚު އިބްނު ބާޒު | ގަލަންދާނު
ނަމާދުގެ ތެރޭގައި (ފުރަގަސް ފަރާތުން) ވަޔެއް ބޭރުވުން ހިފެހެއްޓުމުގެ ޙުކުމް
1. ފުރަތަމަ ފަތުވާ (ލުއިކޮށް އަންނަ ވައި)
ސުވާލު: ނަމާދުގެ ތޭރޭގައި ވަޔެއް ބޭރުވުން ހިފެހެއްޓުން ހުއްދަތޯއެވެ؟
ޖަވާބު: ”އާއެކެވެ. އެއީ ލުއި ވަޔެއް ނަމަ ހިފަހައްޓާށެވެ. އެހެނަސް އެއީ ގަދަ ވަޔެއް ނަމަ ނަމާދު މެދުކަނޑައިލާށެވެ. ދެންފަހެ އެއީ ލުއި ވަޔެއް ނަމަ އަދި ތުރަލަކާއި ނުލައި އެހިފެހެއްޓޭނެ ނަމަ އަދި ނަމާދުގައި ޘާބިތުވެ ހުރެވޭނެ ނަމަ، އޭގައި ގޯހެއް ނެތެވެ. އެގޮތުން ކުޑަކަމަށް ލަވައިގަތުމާއި ބޮޑުކަމުގައި ވެސް އެޙާއްޖަތް ލުއި ކޮށް އޮވެއްޖެ ނަމަ، އޭނާ އަށް ވަނީ ނަމާދު ފުރިހަމަ ކުރުމެވެ. އެހެނަސް އެއިން އޭނާގެ ނަމާދަށް ބުރޫއަރާނަމަ، އޭނާ އަށް ވަނީ ނަމާދު މެދުކަނޑައިލައި އެ ވަޔެއް ނޫނީ ދެޙާޖަތުން ކުރެ ޙާއްޖަތަކުން މިންޖުވުމެވެ. އެއީ ހިތް ޙާޟިރުވެ އޮވެ ނަމާދު ކުރުމަށްޓަކައެވެ. މިއީ ނަބިއްޔު ﷺ މިޙަދީޘް ގެ މައްޗަށެވެ: «لا صلاة بحضرة الطعام، ولا وهو يدافعه الأخبثان» ((ކާބޯތަކެތި ކައިރީގައި އެތުރިފައިވާ ޙާލުގައި (ބަނޑުހައިވެހުރެ) ނަމާދެއް ނުވެއެވެ. އަދި ދެ ނުތާހިރުކަން (ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުމުން) ހިފަހައްޓައިގެން ހުރެ ނަމާދެއް ނުވެއެވެ.)) އެއަކުން ތުރާ ފޯރާ ވަރުގަދަ ވައިވެސް ވަނީ މިފަދައިންނެވެ. ނަމާދު މެދުކަނޑައިލުމެވެ.“
— އިބްނު ބާޒު (ފަތުވާ)
✍️އަހަރެން - މުތަރުޖިމި - ބުނަނެވެ: ގަދަވަޔެއް ނެތީސް އެއަށް އިޖާބަ ދިނުމަކީ ޝައްކުބައްޔަށް މަގުހުޅުވުން އޮތް ކަމެކެވެ. އެގޮތުން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
((إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا، فَأَشْكَلَ عَلَيْهِ أَخَرَجَ مِنْهُ شَيْءٌ أَمْ لَا، فَلَا يَخْرُجَنَّ مِنَ الْمَسْجِدِ حَتَّى يَسْمَعَ صَوْتًا، أَوْ يَجِدَ رِيحًا)) [رواه البخاري]
((ތިޔަބައިމީހުންކުރެ މީހަކު އޭނާގެ ބަނޑަށް އުނދަގޫވެ، އެއްޗެއް ނުކުމެއްޖެ ތޯ (އެބަހީ: ވަޔެއް ނުކުމެއްޖެ ތޯ) ނުވަތަ ނޫން ތޯ ޝައްކުވެއްޖެނަމަ ދަންނައެވެ. އޭނާއަށް އަޑެއް އިވިއްޖައުމަށް ދާންދެން ނުވަތަ ވަހެއް ދުވައިފުމަށް ދާންދެން (އެބަހީ: އެކަން ޔަޤީންވެއްޖައުމަށް ދާންދެން) މިސްކިތުން ނުނުކުންނަ ހުށިކަމެވެ.))
އަދި އެނޫން ރިވާޔަތެއްގައި ވެއެވެ:
ޢަބްދުﷲ ބުން ޒައިދު رضي الله عنه ގެ އަރިހުން ރިވާވެފައިވެއެވެ. ”ނަމާދަށް ހުއްޓާ އެއްޗެއް (އެބަހީ: ވަޔެއްފަދަ އެއްޗެއް) ބޭރުވާހެން ހީވާކަމުގެ ޝަކުވާތައޑ ރަސޫލު ﷲ ﷺ އަށް ހުށަހެޅުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.:
«لاَ يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيحًا»
((އަޑެއް އިވިގެން ނުވަތަ ވަހެއް ދުވައިފުމަށް ދާންދެން (އެބަހީ: އެކަން ޔަޤީންވެއްޖައުމަށް ދާންދެން) ނަމާދު ދޫކޮށްލާފައި ނުދާށެވެ.))
ތަކުރާރުކޮށް — އަދި ވަކިން ޚާއްޞަކޮށް އަޅުކަމުގެ ތެރޭގައި — ވައި ބޭރުވުމުގެ ނޫނީ ޙާއްޖަތަށް ދެވުަނުގެ އިޙުސާސުތައް ކުރިމަތިވާ މީހެއްގެ ޙާލަތް ވަނީ ދެގޮތުން ކުރެ އެއްގޮތަކަށެވެ:
(ހ) އެހެންޏާ އޭނާ އަކީ ޝައްކުބަލީގެ ތެރެއަށް ގެނބިފައިވާ މީހެކެވެ.
(ށ) ނޫނީ އެއީ ޠަބީޢީ ބައްޔެއް ޖެހިފައިވާ މީހެކެވެ.
އަދި މިދެޙާލަތުގައިވެސް އޭނާގެ މައްޗަށް ވަނީ އަޅުކަމުގެ ތެރޭގައި އެކަމަށް ފަރުވާލެއް ނުދިނުމެވެ. މިގޮތުން ޠަބީޢީ ގޮތުން ބައްޔެއް ޖެހިފައިވާ މީހާ ވަނީ ކޮންމެ ފަރުޟު ނަމާދެއްގެ ވަޤުތުގައި އެއް ފަހަރު ވުޟޫއު ކުރުމެވެ. އަދި ނަޖިސް ފައިބަފައިބައި ހުއްޓަސް، ބޭރުން ލައިގެން ހުންނަ އަންނައުނުގައި ޖެހި މިސްކިތް ތަޣައްޔަރުވާނޭ ކަމަކުން ދުރުކޮށްގެން ހުރެ އަޅުކަމުގައި ދެމިހުރުމެވެ. އަދި ވިދިގެން އަންނަ ފަރުޟު ނަމާދާއި ހަމަޔަށް ނޫނީ ސާފުކޮށް ޤަޟާޙާއްޖަތަކަށް ނުވަތަ ބައްޔާއި ގުޅުން ނެތް ވުޟޫގެއްލޭ ކަމެއް ވުމާއި ހަމަޔަށް އިތުރު ވުޟޫއު އެއް ކުރުމެއްް އޭނާގެ މައްޗަށް ނުވެއެވެ. އެއީ އެދެނަމާދު ދެމެދުގައި އެބަލީގެ ސަބަބުން ކިތައްމެ ގިނައިން ވުޟޫއު ގެއްލޭ އެ ކަންތައް ދިމާވިޔެއް ކަމަކުއެވެ. މިއާ ޚިލާފަށް، ޝައްކު ބަލިޖެހިފައިވާ މީހާ: އެހެންޏާ އެދިމާވަނީ ޙަޤީއަތެއް ނެތް ވަހުމާއިއެވެ. މިޙާލަތުގައި އޭނާއަށް އެއަށް އިޖާބަދިނުން ނަހީވެގެން ވެއެވެ. ނުވަތަ އޭނާއަށް އެދިމާވަނީ ޙަޤީޤަތް ނަމަ، އަދި އޭނާ ޤަބޫލު ކުރަނީވެސް ހަމަ ޙަޤީޤަތަށް ވެސް ތަކުރާރުކޮށް ވުޟޫއު ގެއްލެނީ ކަމުގައި ވާނަމަ: އޭނާ އެވަނީ ޠަބީޢީ ބަލިމީހާގެ މަޤާމުގައެވެ. ވީމާ އޭނާ ޢަމަލު ކުރުން ވަނީ ފުރަތަމަ ބުނެވުނު ގޮތަށެވެ.
⚠️ދެން ދަންނައެ، ބާރުއަޅައި އަންނަ ވަޔެއް ހުއްޓުވައިގެން ހުރެ ނުވަތަ ބާރުއަޅައި އަންނަ ޤަޟާޙާޖަތަކަށް ދާން ޖެހި އެހެނަސް ހުއްޓުވައިގެން ހުރެ ނަމާދު ކުރުމުގެ ކަންތަކުގައި ޢިލްމުވެރިން ހަރުކަށި ވެލެއްވިއެވެ. އެގޮތުން އެނޫން ފަތުވާއެއްގައި، އިބްނު ބާޒު ވިދާޅުވިއެވެ:
2. ދެވަނަ ފަތުވާ (ބާރުއަޅައި އަންނަ ވައި)
”އެއަކުން ގެއްލުން ފޯރާނޭ ވަޔެއް ލައިގަނެއްޖެ ހިނދުގައި، ނުވަތަ އެފަދައިން ކުޑަކަމު ދާން ޖެހިއްޖެ ނޫނީ ބޮޑުކަމުދާން ޖެހިއްޖެ ހިނދުގައި، މުއުމިނު މީހާގެ މައްޗަށް ވާޖިބުވެގެންވަނީ ނަމާދަށް ނުވަނުމެވެ. އަދިކިއެއްތަ؟ ކުޑަކަމު ދިޔުމުގެ ނޫނި ބޮޑުކަމު ދިޔުމުގެ ނޫނީ ވައިބޭރުކުރުމުގެ އެ ޙާޖަތް ފުރަތަމަ ކަމަކަށް ފުއްދުމެވެ. ދެން އެއަށްފަހު ވުޟޫއުކޮށް އޭނާގެ ހިތް ތަނަވަސް ކަމުގައި އޮންނަ ޙާލުގައި ނަމާދު އަދާ ކުރުމެވެ. އަދި އޭނާގެ ގުނަވަންތަކާއި އޭނާގެ ހިތް ޚުޝޫޢަތްތެރި ކަމުގެ މަތީގައި ވާ ޙާލުގައި ނަމާދަށް ކުރިމަތި ލުމެވެ. މިކަމުގައި މުއުމިނު މީހާ ކަންތައް ކުރަން އޮތް ގޮތަކީ މިއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «لا صلاة بحضرة الطعام، ولا وهو يدافعه الأخبثان» ((ކާބޯތަކެތި ކައިރީގައި އެތުރިގައިވާ ޙާކުގައި (ބަނޑުހައިވެހުރެ) ނަމާދެއް ނުވެއެވެ. އަދި ދެނުތާހިރުކަން ހިފަހައްޓައިގެން ހުރެ ނަމާދެއް ނުވެއެވެ.)) އެބަހީ: އެބަހީ ކުޑަކަމު ދާ ތަކެއްޗާއި ބޮޑުކަމު ދާ ތަކެއްޗެވެ. އަދި (ފުރަގަސް ފަރާތުން ނިކުންނަ) ވައި ހިމެނެނީ މި މާނައިގެ ތެރޭގައެވެ. އެވައި ގަދަޔަށް އަރައިގަނެފައިވާނަމަ ނަމާދު ވެރިޔާއަށް ތުރާލިބުމާއި ފިކުރުބޮޑުވުމުގައި އެ ހިމެނެނީ ހަމަ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތީގެ މަފްހޫމުގެ ތެރޭގައެވެ. އެހެންކަމުން ވަރުގަދަކޮށް ވައި އިޙުސާސުވެއްޖެ ނަމަ، ތިބާގެ މައްޗަށް ޝަރުޢު ވެގެންވަނީ އެ ޚަލާސް ކޮށް ދެން ވުޟޫއުކޮށް އެއަށްފަހު ނަމާދު ކުރުމެވެ. އަދި ވަރުގަދަޔަށް ހިފަހައްޓައިގެން ހުރެ ނަމާދު ކުރުން ތިބާގެ މައްޗަށް ނުވެއެވެ. އެހެނީ މިއީ ﷲ ޝަރުޢު ކުރެއްވިގޮތާއި ޚިލާފު ކަމެކެވެ. އެކަން ހިމެނެނީ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ހިފެހެއްޓުމުގެ ޒާތުގެ ދަށުން (އޮތް ނަހީގެ ތެރެއިން)ނެވެ.
ދަންނައެ، ޢިލްމުވެރިން ވަނީ (މިގޮތަށް ޤަޟާޙާޖަތް) ހިފަހައްޓައިގެން ކުރާ ނަމާދުގެ ޞައްޙަ ކަމާއިމެދު ޚިލާފުވެ ލައްވާފައެވެ. އެއިން ބައިގަނޑެއް ވިދާޅުވިއެވެ: ނަމާދު (އޭގެ ޒާތުގައި) ޞަޢްޙަ އެވެ. އެހެނީ (ބަޔާން ވެވުނު ޙަދީޘްގެ) އަޞްލަކީ ނަމާދުގެ ޙަޤީޤަތް (ޙަޤީޤީ ޙާލަތް) ނަފީވުމެވެ. (އޭގެ ޒާތުގައި އެ ނަމާދެއް ނޫނެވެ.) އެހެންކަމުން އިތުރުއެކަލޭގެފާނުގެ ޤަޥްލު: «لا صلاة بحضرة الطعام...» ((ކާބޯތަކެތި ކައިރީގައި އެތުރިފައިވާ ޙާލުގައި ނަމާދެއް ނުވެޔޭ))— މިއިން ފާޅުވާން އޮތް ދޭހައަކީ ނަމާދުގެ ޙަޤީޤީ ޙާލަތް ނަފީވުމެވެ.
ވީމާ މިކަމާއިމެދު ތިބާ ހުސިޔާރުވާން ޖެހޭނެއެވެ. އަދި ނަމާދު ކާމިލު ގޮތުގައި އަދައުކުރުމަށް ގަދައަޅަން ޖެއެވެ. އެއަށް ރައްކައުތެރި ވުމަށް ނަމާދުގެ ކުރިޔަށް، ވަޔާއި ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތިން ހުސްވެގަންނަން ޖެހެއެވެ. މިއީ ޚުޝުއްވަތްތެރިކަމާއި ތަނަވަސް ހިތެއްގެ މަތީގައި ހުރެ ނަމާދުވެރި ވުމަށްޓަކައެވެ.
ދެންފަހެ (އެފަދަ ޙާލަތުގައި ހުރެ ކުރާ) ނަމާދު ޞައްޙަ ވާނޭތޯ ނުވަތަ ނޫންތޯ — މިއީ ޒުވާބުއޮތް ކަމެކެވެ. ބޮޑަށް ގާތީ އެ ނަމާދު ޞަޢްޙަ ވުމެވެ. إن شاء الله. އެއީ ނަމާދުގެ ވާނުވާ އެނގޭ ޙާލު، ﷲ ޝަރުޢު ކުރެއްވިގޮތަށް (އޭގެ ރުކުންތަކާއި ވާޖިބުތައް) އަދާކޮށް އޭނާ އޭ ނަމާދޔ ނިންމައިފި ނަމައެވެ. އެހެނަސް އޭނާ އެކުރި ކަންތަކީ ހުއްދަނޫން ކަމެކެވެ. އެބަހީ ބޮޑުކަމު ނޫނީ ކުޑަކަމު ދާންޖެހިފައިވަނިކޮށް ނޫނީ ވައިބޭރުކުރަން ޖެހިފައިވަނީކޮށް އެކަންތައް ހިފަހައްޓައިގެން ހުރެ ނަމާދު ކުރުމެވެ. މިއީ ﷲ ޝަރުޢު ކުރެއްވިގޮތާއި ޚިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި މި ޙަދީޘުގެ ބޭރުފުށަށް އޮތް ދޭހައަށް ބަލާއިރު މިކަންތަކީ ޙަރާމް ކަމެއް ކަމުގައި ވާ ޙާލު، އެންމެ ދަށް މިންވަރަށް ބެއްޔަސް މިއީ މަކުރޫހަ ކަމެކެވެ. މުއުމިނު މީހާގެ މައްޗަށް ވަނީ މިކަންތަކުން އެއްކޮށް މިންޖުވެ ޙަދީޘުގެ މައްޗަށް (ބޯލަނބައި) ޢަމަލުކޮށް، އޭނާގެ ނަމާދު ބާޠިލުވެދާނޭ ފަދަ ޝައްކަކުން ފޭވެހުރުމެވެ. “
— އިބްނު ބާޒު (ފަތުވާ)
~ ގަލަންދާނު