ޢީދު ނަމާދުގެ ޙުކުމް

2026-05-27 05:30

ޢީދު ނަމާދުގެ ޙުކުމް

ޢީދު ނަމާދަކީ ސުންނަތެއް ކަމަށް ބުނާ ބުނުމަކީ، ޢިލްމުވެރިންގެ މެދުގައި އިއްތިފާޤުވެވިފައިވާ (އެއްބަސްވެވިފައިވާ) ކަމެއް ނޫނެވެ. ފަހެ، ޢީދު ނަމާދުގެ ޙުކުމާމެދު ޢިލްމުވެރިން ތިން ރައުޔަކަށް ޚިލާފުވެވަޑައިގެންފައިވެއެވެ:

1. ފުރަތަމަ ރައުޔު:

ޢީދު ނަމާދަކީ ކޮންމެ މީހެއްގެ މައްޗަށް މުސްތަޤިއްލުކޮށް ވާޖިބުވެގެންވާ (ވާޖިބު ޢައިން) ނަމާދެކެވެ. މިއީ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި ޞައްޙަ ގޮތެވެ.

އަލްކާސާނީ ވިދާޅުވެފައިވެއެވެ: "އަދި ޞައްޙަ ގޮތަކީ އެއީ ވާޖިބެއް ކަމެވެ. އެއީ އަހަރެމެންގެ އެކުވެރިންގެ (އެބަހީ: ޙަނަފީ މަޛްހަބުގެ އިމާމުންގެ) ބުނުމެވެ."

އެބޭފުޅުންގެ ދަލީލު:

  • ނަބިއްޔާ ﷺ އެންމެ ފަހަރަކުވެސް ދޫކޮށްނުލައްވައި، ދާއިމީގޮތެއްގައި އެ ނަމާދު ކުރެއްވުމެވެ.

  • ރަމަޟާން މަހުގެ ރޭއަޅުކަމާއި (ތަރާވީޙް ނަމާދާއި)، ކޭތަ ނަމާދާއި، ދެ ޢީދު ނަމާދު ފިޔަވައި، އެހެން އެއްވެސް ސުންނަތް ނަމާދެއް ޖަމާޢަތުގައި ނުކުރެވޭއިރު، ޢީދު ނަމާދަކީ ސުންނަތެއް ކަމުގައިވެފައި، ވާޖިބެއް ކަމުގައި ނުވިނަމަ، ތަރާވީޙް ނަމާދާއި ކޭތަ ނަމާދު (ވާޖިބު ނޫން ކަން ހާމަ ކުރެއްވުމަށް) އިސްތިޘްނާ ގެންނެވި ފަދައިން، ޝަރުޢު ކުރެއްވި ފަރާތުން އެ ނަމާދަަްވެސް އިސްތިޘްނާ ގެންނެވީހެވެ.

2. ދެވަނަ ރައުޔު:

ޢީދު ނަމާދަކީ ގަދަވެގެންވާ ސުންނަތެއް (ސުންނަތް މުއައްކަދާއެއް) ކަމެވެ. މިއީ ޝާފިޢީ މަޛްހަބާއި މާލިކީ މަޛްހަބުގެ ބޭފުޅުންގެ ރައުޔެވެ.

އައްޝީރާޒީ ވިދާޅުވެފައިވެއެވެ: "ޢީދު ނަމާދަކީ ސުންނަތެކެވެ." އަދި 'އައްތާޖު ވަލް އިކްލީލް' ގައި ވެއެވެ: "ޢީދު ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ."

އެބޭފުޅުންގެ ދަލީލު: އަޢުރާބީއަކަށް (ބަދަވީއަކަށް) ރަސޫލާ ﷺ ފަރުޟު ފަސް ނަމާދުގެ ވާހަކަ ޛިކުރު ކުރެއްވުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވި ކަމަށް އޮތް ޞައްޙަ ޙަދީޘެވެ. ފަހެ، އެ ބަދަވީ މީހާ ދެންނެވިއެވެ: "އެ ނޫން އެހެން ނަމާދެއް ތިމަންގެ މައްޗަށް ވޭ ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. އަމިއްލައަށް ކުރާ ސުންނަތް ނަމާދެއް ފިޔަވައެވެ." (މުއްތަފަޤުން ޢަލައިހި - ބުޚާރީ އާއި މުސްލިމް އެއްބަސްވެވަޑައިގަންނަވާ).

3. ތިންވަނަ ރައުޔު:

ޢީދު ނަމާދަކީ ފަރުޟު ކިފާޔާއެއް (ރަށަކުން ނުވަތަ ބަޔަކު އެ ނަމާދު ކުރުމުން އެހެން މީހުންނަށް ފުދޭ ފަރުޟެއް) ކަމެވެ. މިއީ ޙަންބަލީ މަޛްހަބުގެ ބޭފުޅުންގެ ރައުޔެވެ.

އިބްނު ޤުދާމާ 'އަލްމުޣްނީ' ގައި ވިދާޅުވެފައިވެއެވެ: "އަދި މަޛްހަބުގެ ފާޅުކަން ބޮޑު ގޮތުގައި އޮތް ރައުޔަކީ ޢީދު ނަމާދަކީ ފަރުޟު ކިފާޔަތެއް ކަމެވެ."

އެބޭފުޅުންގެ ދަލީލު:

  • ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގެ ޢާންމު މާނަ: ﴿فَصَلِّ لِرَبِّكَ وَٱنۡحَرۡ﴾ [108:2] ((ފަހެ ކަލޭގެފާނުންގެ رب އަށް ކަލޭގެފާނުން ނަމާދުފުޅު ކުރަށްވާށެވެ. އަދި قُرْبَان ކުރައްވާށެވެ.)).

  • ރަސޫލާ ﷺ ދާއިމީގޮތެއްގައި އެ ނަމާދު ކުރެއްވުން

  • އެ ނަމާދަކީ އިސްލާމްދީނުގެ ފާޅުކަން ބޮޑު ޝިޢާރުތަކުގެ ތެރެއިންވާ ކަމެއް ކަމުގައި ވުން.

(މަޞްދަރު: އިސްލާމްވެބް 29328)

ޢީދު ނަމާދަކީ ކޮންމެ ފަރުދަކަށް ވާޖިބެއް ކަމުގައި ބުނާ ޤަޥްލުގެ ތަފްޞީލު:

ދެ ޢީދު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ނަމާދެކޭ، އެބަހީ: ކޮންމެ ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވުމެވެ، އަދި ޢުޛުރަކާ ނުލައި އެ ނަމާދު ދޫކޮށްލައިފި މީހާ ފާފަވެރިވާނޭކަމެވެ. އަދި އެއީ އިމާމް އަބޫ ޙަނީފާގެ މަޛްހަބެވެ، އަދި އިމާމް އަޙްމަދުގެ އަރިހުން ރިވާވެގެންވާ އެއް ރިވާޔަތެކެވެ. އަދި މި ބުނުން އިޚްތިޔާރުކުރެއްވި ބޭފުޅުންގެ ތެރޭގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އައްޝައުކާނީ ހިމެނިވަޑައިގަންނަވައެވެ. (ބައްލަވާ: އަލްމަޖުމޫޢު (5/5)، އަލްމުޣްނީ (3/253)، އަލްއިންޞާފް (5/316)، އަލްއިޚްތިޔާރާތު (ޞ 82).)

އަދި މި ޤަޥްލަށް ހެކިދެއްކެވަށްޓަކައި ގެންނެވި ދަލީލު ތަކުގެ ތެރެއިން ވަނީ:

ފުރަތަމަ ދަލީލު: މާތް الله ތަޢާލާގެ ވަޙީބަސްފުޅު:

﴿فَصَلِّ لِرَبِّكَ وَٱنۡحَرۡ﴾ [108:2]

((ފަހެ ކަލޭގެފާނުންގެ رب އަށް ކަލޭގެފާނުން ނަމާދުފުޅު ކުރަށްވާށެވެ. އަދި قُرْبَان ކުރައްވާށެވެ.))

އިބްނު ޤުދާމާ "އަލްމުޣްނީ" ގައި ވިދާޅުވެފައިވެއެވެ: ތަފްސީރުގައި މަޝްހޫރުވެގެންވާ ގޮތަކީ އޭގެ މުރާދަކީ ޢީދު ނަމާދު ކަމެވެ. اهـ

އެހެނަސް ބައެއް ޢިލްމުވެރިން ބުރަވެވަޑައިގެންފައިވަނީ އާޔަތުގެ މުރާދަކީ (ވަކި ނަމާދަކަށް ޚާއްޞަ ނުވާގޮތުގައި) ޢާންމު މާނައިގައި ނަމާދު ކަމެވެ. އަދި އެއީ ޢީދު ނަމާދަށް އެކަނި ޚާއްޞަ ކަމެއް ނޫން ކަމެވެ، މިގޮތުން އާޔަތުގެ މާނައަކީ: ނަމާދާއި ކަތިލުމުގައި މާތް الله ތަޢާލާ އެއްކައުވަންތަ ކުރުމަށް ކުރައްވާފައިވާ އަމުރެކެވެ، އެހެންކަމުން މިއީ މާތް الله ގެ މި ވަޙީބަސްފުޅު ފަދަ އެއްޗެކެވެ:

﴿قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ﴾ [6:162]

((ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި ތިމަންކަލޭގެފާނުންގެ ކަތިލުމާއި - (ذَبَحَ ކުރުމާއި) އަދި ތިމަންކަލޭގެފާނުންގެ ދިރިހުރުމާއި އަދި ތިމަންކަލޭގެފާނުންގެ މަރުވުމާއި މިހުރިހާކަމެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެއީ عالم ތައް ހައްދަވާ އެތަކެތި ބަލަހައްޓަވާ تربيّة ކުރައްވާ އެތަކެތީގެ رَبّ އެވެ.))

އަދި އިބްނު ޖަރީރް (12/724) އާއި، އިބްނު ކަޘީރް (8/502) މިއާޔަތުގެ މާނަގައި މި ބުނުން އިޚްތިޔާރު ކުރެއްވި އެވެ. ފަހެ، މިގޮތުގެ މަތިން، ޢީދު ނަމާދު ވާޖިބުވުމުގެ މައްޗަށް އެ އާޔަތުގައި ދަލީލެއް ނުވެއެވެ.

ދެވަނަ ދަލީލު: ހަމަކަށަވަރުން ނަބިއްޔު ﷺ އެ ނަމާދަށް ނިކުތުމަށް އަމުރުކުރެއްވިއެވެ. އެއީ އަންހެނުންނަށްވެސް އެ ނަމާދަށް ނިކުތުމަށް އަމުރުކުރެއްވުމާ ހަމައަށެވެ. ޢަލްބުޚާރީ (324) އާއި މުސްލިމް (890) އުއްމު ޢަތިއްޔާ رَضِيَ اللَّهُ عَنْها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ، އެކަމަނާ ވިދާޅުވިއެވެ:

«أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالأَضْحَى الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلاةَ وَيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُسْلِمِينَ. قُلْتُ: يَا رَسُولَ اللَّهِ، إِحْدَانَا لا يَكُونُ لَهَا جِلْبَابٌ. قَالَ: لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا» (متفق عليه)

((ފިޠުރު ޢީދާއި އަޟްޙާ ޢީދުގައި، ބާލިޣުވާން ކައިރިވެފައިވާ އަންހެން ކުދިންނާއި، ޙައިޟުވެރިންނާއި، ފަރުދާގެ ފުރަގަހުގައި ތިބޭ ބިކުރުވެރި އަންހެން ކުދިން (ޢީދު ނަމާދަށް) ނެރުމަށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންމެންނަށް އަމުރުކުރެއްވިއެވެ، ފަހެ، ޙައިޟުވެރިން ނަމާދާއި އެކަހެރިވެ، އެހެނަސް ހެޔޮކަމާއި މުސްލިމުންގެ ދުޢާގައި ބައިވެރިވުމަށް އެންގެވުނެވެ. ތިމަންކަމަނާ ދެންނެވީމެވެ: އޭ الله ގެ ރަސޫލާއެވެ! ތިމަންމެންގެ ތެރެއިން މީހެއްގެ އަތުގައި ޖިލްބާބެއް ނެތްނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އެކަނބުލޭގެ އުޚުތާ އެކަނބުލޭގެއަށް އޭނާގެ ޖިލްބާބުން ހެދުމެއް ބޭނުންކޮށްލަން ދޭށެވެ.))

(الْعَوَاتِق) އަކީ عَاتِق ގެ ޖަމްޢުއެވެ، އެއީ ބާލިޣުވެފައިވާ ނުވަތަ ބާލިޣުވާން ކައިރިވެފައިވާ، ނުވަތަ ކައިވެނިކުރުމުގެ އުމުރަށް ފެތޭ އަންހެން ކުދިންނެވެ. (ذَوَات الْخُدُور) އަކީ ބިކުރުވެރި އަންހެން ކުދިންނެވެ.

އަދި ޢީދު ނަމާދު ވާޖިބުވުމުގެ މައްޗަށް މި ޙަދީޘުން ހެކިދެއްކުން، ކުރީގެ އާޔަތުން ހެކިދެއްކުމަށްވުރެ ވަރުގަދައެވެ.

ޝެއިޚް އިބްނު ޢުޘައިމީން "މަޖުމޫޢުލް ފަތާވާ" (16/214) ގައި ވިދާޅުވެފައިވެއެވެ:

"އަހަރެން ދެކޭގޮތަކީ ޢީދު ނަމާދަކީ ފަރުޟު ޢައިނެއް ކަމެވެ. އަދި ފިރިހެނުންނަށް އެ ނަމާދު ދޫކޮށްލުން ހުއްދަވެގެން ނުވާ ކަމެވެ. އަދި ކިއެއްތަ އެވެރިންގެ މައްޗަށްވަނީ އެއަށް ޙާޟިރުވުމެވެ ސަބަބަކީ ނަބިއްޔު ﷺ އެ ނަމާދަށް އަމުރުކުރެއްވުމެވެ. އަދި ކިއެއްތަ ބާލިޣުވާން ކައިރިވެފައިވާ އަންހެން ކުދިންނާއި ބިކުރުވެރި އަންހެން ކުދިން ޢީދު ނަމާދަށް ނިކުތުމަށް އަމުރުކުރެއްވިއެވެ. އަދި ޙައިޟުވެރި އަންހެނުންވެސް ޢީދު ނަމާދަށް ނިކުތުމަށް އަމުރުކުރެއްވިއެވެ. އެހެންސް އެއީ ނަމާދުކުރާ ތަނާ އެކަހެރިވުމަށް އަމުރުކުރެއްވުމާއި އެކުގައެވެ. އަދި މިއިން ދަލީލުކޮށްދެނީ އެ ނަމާދު (ކުރަން ޖެހޭކަމުގެ) ކަށަވަރުކަމެވެ." اهـ.

އަދިވެސް ވިދާޅުވިއެވެ (16/217): "އަދި ދަލީލުތަކުން އަހަންނަށް ބޮޑަށް ރާޖިޙްވަނީ (ބުރަދަން ބޮޑީ) އެއީ ފަރުޟު ޢައިނެއް ކަމެވެ. އަދި ޢުޛުރެއް އޮތް މީހަކު ފިޔަވައި ކޮންމެ ފިރިހެނެއްގެ މައްޗަށް ޢީދު ނަމާދަށް ޙާޟިރުވުން ވާޖިބުވެގެންވާ ކަމެވެ." اهـ.

އަދި ޝައިޚް އިބްނު ބާޒް "މަޖުމޫޢުލް ފަތާވާ" (13/7) ގައި، އެއީ ފަރުޟު ޢައިނެއް ކަމަށް ބުނާ ބުނުމާ ބެހޭގޮތުން ވިދާޅުވިއެވެ: "އަދި މި ބުނުމަކީ ދަލީލުތަކުން އެންމެ ފާޅުކަން ބޮޑު، އަދި ރަނަގަޅު ބުނުމާއި އެންމެ ގާތް ގޮތެވެ." اهـ.

والله أعلم. (މަޞްދަރު: އިސްލާމް ސުވާލުޖަވާބު ފަތުވާ 48983)

📝 އަހަރެން ބުނަމެވެ:

އަހަރެމެންގެ ޝެއިޚުންގެ ތެރެއިން ޢަބްދު ﷲ އައްސަޢްދު އާއި އަލްބައްރާކު ގެ ރައުޔަކީވެސް ޝެއިޚް އުޘައިމީންގެ ރައުޔެވެ. އަދި އަލްމުޙައްދިޘް ޢަބްދުލް ކަރީމް އަލްޚުޟައިރު ގެވެސް ރައުޔަކީ މިއެވެ.

އަދި އަހަރެމެންގެ ޝެއިޚު އަލްޢަލްވާން ގެ ރައުޔަކީ ޙަންބަލީ މަޛުހަބުގެ އަސާސީ ރައުޔެވެ. އެއީ ފަރުޟު ކިފާޔަތެއް ކަމުގައެވެ. ޞަޙީޙު އަލްބުޚާރީގޭ ޝަރަޙައިގައި މިޙަދީޘު ދަށުން ވިދާޅުވިއެވެ:

ޙަދީޘް: ”ނަޖުދު ބިމުގެ އަހުލުވެރިންގެ ތެރެއިން އިސްތަށިގަނޑު ހޭވިފައިވާ މީހަކު ރަސޫލު ﷲ ﷺ އަރިހަށް އައެވެ. އޭނާގެ އަޑު ވަރަށް ހަތުކޮށް އަހަރެމެންނަށް އިވެމުންދިޔަޔަސް، އޭނާ އަހަރެމެން ގާތަށް އާދޭވުމާއި ހަމަޔަށް އޭނާ ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އެހިނދު އޭނާ އެ ސުވާލުކުރަނީ އިސްލާމްދީނާ ބެހޭގޮތުންނެވެ.

ފަހެ، ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ރެޔާއި ދުވާލު ފަސް ނަމާދު ކުރުމެވެ..." އޭނާ ދެންނެވިއެވެ: "އެ ނޫން އެހެން ނަމާދެއް ތިމަންގެ މައްޗަށް ވޭ ހެއްޔެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ތިބާ އަމިއްލައަށް ކުރާ ސުންނަތް ނަމާދެއް މެނުވީއެވެ." —މިޙަދީޘު އޭގެ ނިޔަލަށް.

އަލްޢަލްވާންގެ ޝަރަޙައަށްފަހު ދަރިވަރެއް ޢީދު ނަމާދަކީ ފަރުޟެއް ކަމުގައި ވާހިނދު މިޙަދީޘުއާއި ތަޢާރުޟުވޭތޯ ސުވާލުކުރިއެވެ. އަލްޢަލްވާން ވިދާޅުވިއެވެ:

”މީގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި މި ބާބުގެ ޙަދީޘާއި މީގެ މެދުގައި އެއްވެސް ފުށުއެރުމެއް ނެތެވެ. އެއީ އީދު ނަމާދަކީ ފަރުޟު ކިފާޔަތެއް ކަމަށް ބުނާ ބުނުމުގައެވެ. ނަމަވެސް އެއީ ފަރުޟު ޢައިނެއް ކަމަށް ބުނެވޭނަމަ، އެ ބުނުމުގައި އައިރުމެއް ވެއެވެ. ސަބަބަކީ އީދު ނަމާދަކީ ފަރުޟު ޢައިނެއް ކަމުގައި ވާނަމަ، މި ޚަބަރަށް (ބަޔާންވެވުނު ޙަދީޘަށް) ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ (އެ ޙަދީޘްގައި) އޭނާ ދެންނެވިއެވެ: 'އެ ނޫން އެހެން ނަމާދެއް ތިމަންގެ މައްޗަށް ވާޖިބުވެގެންވޭ ހެއްޔެވެ؟' (އިތުރު އެކަލޭގެފާނު) ޙަދީޘްކުރެއްވިއެވެ: 'ނޫނެކެވެ.' އެހެނަސް އެ މީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް އޮވެމެ، އެކަން އެވަޤުތު ބަޔާންކޮށްނުދީ ދޫކޮށްލެވިފައި ވާނަމަ، (ފިޤުހީ ޤަވާޢިދުގައި ވަނީ) ކަމެއް ބޭނުންޖެހިފައިވާ ވަޤުތަށްވުރެ އެކަން ބަޔާންކޮށްދިނުން ފަސްކުރުން (އުޞޫލީ ގޮތުން) ހުއްދަވެގެން ނުވުމެވެ. (ވީމާ، ބަޔާން ކޮށް ނުދެވި އޮވެއްޖެ ނަމަ، އަޞްލަކީ ވާޖިބުކަން ނެތުމެވެ.) ނަމަވެސް ޢީދު ނަމާދަކީ ފަރުޟު ކިފާޔަތެއް ކަމަށް ބުނާނަމަ، މިކަމުގައި އެއްވެސް ފުށުއެރުމެއް ނެތެވެ." — އަލްޢަލްވާން ގެ އަލްބުޚާރީގެ ޝަރަޙައިން ބަސްކޮޅު ނިމުނީ.

والله أعلم.

~ ގަލަންދާނު