ބޫލުޣުލް މަރާމްގެ ޝަރަޙައިން (ޙަދީޘް 393): ޖަމާޢަތުގައި ނަމާދު ކުރުމާއި ބަންގީގެ އަޑު އިވި ޖަމާޢަތަށް ޙާޟިރުނުވެއްޖެ މީހާގެ ޙުކުމް
ޙަދީޘް
٣٩٣ - وَعَنْ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا, عَنْ اَلنَّبِيِّ - صلى الله عليه وسلم - قَالَ: «مَنْ سَمِعَ اَلنِّدَاءَ فَلَمْ يَأْتِ فَلَا صَلَاةَ لَهُ إِلَّا مِنْ عُذْرٍ»
٣٩٣ - އިބްނު ޢައްބާސް رَضِيَ اَللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: "ބަންގީގެ އަޑު އިވުމުންވެސް (ނަމާދަށް) ނައި މީހާ (ދަންނާށެވެ!) އޭނާއަށް ނަމާދެއް ނުވެއެވެ. އެހެނަސް އޭގައި ޢުޛުރެއް އޮވެއްޖެ މީހަކަށް މެނުވީއެވެ."
މި ޙަދީޘް ރިވާކުރެއްވީ އިބްނު މާޖަހް، އައްދާރަޤުޠުނީ، އިބްނު ޙިއްބާން އަދި އަލްޙާކިމް އެވެ. މީގެ އިސްނާދު ވަނީ އިމާމް މުސްލިމްގެ ޝަރުޠުތަކުގެ މަތީގައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ރާޖިޙްކުރައްވަނީ މިއީ 'މައުޤޫފް' ބަސްފުޅެއްގެ ގޮތުގައެވެ.
ޝަރަޙަ
އިބްނު ޢައްބާސް އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިޔޭ: «مَنْ سَمِعَ اَلنِّدَاءَ فَلَمْ يَأْتِ فَلَا صَلَاةَ لَهُ إِلَّا مِنْ عُذْرٍ» ((ބަންގީގެ އަޑު އިވުމުންވެސް (ނަމާދަށް) ނައި މީހާ (ދަންނާށެވެ!) އޭނާއަށް ނަމާދެއް ނުވެއެވެ. އެހެނަސް އޭގައި ޢުޛުރެއް އޮވެއްޖެ މީހަކަށް މެނުވީއެވެ.))
މި ޚަބަރު (ޙަދީޘް) އިބްނު މާޖަހް އެކަލޭގެފާނުގެ ސުނަނުގައި، އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި، އައްދާރަޤުޠުނީ އަދި އަލްޙާކިމް އެކަލޭގެފާނުގެ މުސްތަދްރަކްގައި ރިވާކުރައްވާފައިވެއެވެ. މި ޙަދީޘް މި ހުރިހާ ބޭކަލުންވެސް ރިވާކުރެއްވީ ހުޝައިމް ބުނު ބަޝީރު ގެ މަގުން، ޝުޢުބާގެ އަރިހުން، ޢަދިއްޔު ބުނު ޘާބިތުގެ އަރިހުން، ސަޢީދު ބުނު ޖުބައިރުގެ އަރިހުން، އެކަލޭގެފާނު އިބްނު ޢައްބާސްގެ އަރިހުން، ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުންނެވެ.
އަލްޙާކިމް މި ޙަދީޘް ޞައްޙަކުރައްވައި، މިއީ ދެޝެއިޚުން (އައްޝެއިޚައިނި އެބަހީ؛ އަލްބުޚާރީ އަދި މުސްލިމް) ގެ ޝަރުޠުތަކުގެ މަތިން ޞައްޙަ ޙަދީޘެއް ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް (ރާވީންގެ ތެރެއިން) ޣުންދަރު އަދި ޝުޢުބާގެ ގިނަ ދަރިވަރުން މި ޙަދީޘް ރިވާކުރައްވާފައިވަނީ 'މައުޤޫފް' (ނަބިއްޔު ﷺ އަރިހުން ކަމަށް ކަނޑަނާޅުއްވައި އިބްނު ޢައްބާސްގެ ބަސްފުޅެއް) ގޮތުގައެވެ. އަލްޙާފިޡް (އިބްނު ޙަޖަރު) رحمه الله މިޙަދީޘު މަރްފޫޢު ވުމުގައި އޮތް ޚިލާފަށް އިޝާރާތް ކުރެއްވިއެވެ. ޝުޢުބާގެ އަރިހުން (މިޙަދީޘު ރިވާކުރެއްވި) ހުޝައިމް ބުނު ބަޝީރު އާއި ޢަބްދުއްރަޙްމާން ބުނު ޣަޒްވާން އަދި ބައިގަނޑެއް މިއީ މަރްފޫޢު ޙަދީޘެއްގެ ގޮތުގައި (ނަބިއްޔު ﷺ އަށް ނިސްބަތްވާ ގޮތުގައި) ރިވާކުރެއްވިއެވެ. ނަމަވެސް ޝުޢުބާގެ އިސް ދަރިވަރުން —އޭގެ ތެރޭގައި ޣުންދަރު އަދި ވަކީޢު ހިމެނިވަޑައިގަންނަވާ ގޮތަށް— ޝުޢުބާގެ އަރިހުން ރިވާކުރެއްވި އިރު އޮތީ މިއީ މައުޤޫފް ބަސްފުޅެއްގެ ގޮތުގައެވެ. އެގޮތުން އަބޫބަކުރު ބުނު އަބީ ޝައިބާ އެކަލޭގެފާނުގެ 'މުޞައްނަފް' ގައި ވަކީޢުގެ އަރިހުން، ޝުޢުބާގެ އަރިހުން ، ޢަދިއްޔު ބުނު ޘާބިތު އަރިހުން، ސަޢީދު ބުނު ޖުބައިރުގެ މަގުން އިބްނު ޢައްބާސްގެ އަރިހުން މައުޤޫފް ބަސްފުޅެއްގެ ގޮތުގައި ރިވާކުރެއްވިއެވެ. މިއީ އެންމެ ޞައްޙަ ސަނަދުތަކުގެ ތެރެއިން ސަނަދެކެވެ. ވަކީޢު އަކީ ޙަދީޘް ހިތުދަސްކުރުމުގައި ފަރުބަދައެއްފަދަ ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އިތުބާރުހުރި (ޘިޤާ)، މުތްޤިން ބޭކަލެކެވެ. ޚާއްޞަކޮށް ޝުޢުބާގެ ޙަދީޘްތަކުގައެވެ. އެހެންކަމުން، މި ޚަބަރު މައުޤޫފްވުން، މަރްފޫޢުވުމަށްވުރެ ބާރުގަދައެވެ. (އެބަހީ އިބްނު ޢައްބާސްގެ ބަސްފުޅަކަށް ވުން ނަބިއްޔު ﷺ ޙަދީޘް ފުޅަކަށް ވުމަށް ވުރެ ރިވާޔަތުގެ މަގުތަކަށް ބަލާއިރު ބުރަދަން ބޮޑެވެ.)
މި ޙަދީޘަކީ، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠެއް ކަމަށް ބުނާ ޢިލްމުވެރިން ހުއްޖަތަކަށް ނަންގަވާ ޙަދީޘެކެވެ. އިމާމް އަޙްމަދު رحمه الله ގެ އަރިހުން ރިވާވެގެންވާ އެއް ރިވާޔަތެއްގައި މިގޮތަށް ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާ މީހާގެ ނަމާދެއް ނުވެއެވެ. އެއީ މިބަސްފުޅުގެ ޢާންމު ދޭހައިގެ މައްޗަށެވެ: ((ބަންގީގެ އަޑު އިވުމުންވެސް (ނަމާދަށް) ނައި މީހާ (ދަންނާށެވެ!) އޭނާއަށް ނަމާދެއް ނުވެއެވެ. އެހެނަސް އޭގައި ޢުޛުރެއް އޮވެއްޖެ މީހަކަށް މެނުވީއެވެ.)) އަދި ޢުޛުރުތައް ބައިވަރެވެ. އޭގެ ތެރޭގައި ބިރުވެރިކަމާއި، ބަލިވުމާއި އެނޫންވެސް މިފަދަ ކަންކަން ހިމެނެއެވެ.
އަބޫ ދާވޫދު ގައި މިޙަދީޘު އެހެން މަގަކުން މަރްފޫޢު ގޮތުގައި ރަސޫލު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރިދުވެފައިވެއެވެ. ނަމަވެސް އޭގެ ސަނަދު ބަލިކައްޓެވެ.
ބޮޑަށް ބުރަވެވެނީ މިއީ މައުޤޫފް ގޮތުގައިވާ އިބްނު ޢައްބާސްގެ ބަސްފުޅެއް ކަމެވެ. މިއީ ބަންގީގެ އަޑު އިވުމުން ނަމާދަށް ނާަންނަ މީހާއާ މެދު އެކަލޭގެފާނު ގެންގުޅުއްވި މަޛްހަބެވެ (ރައުޔެވެ). ނަބިއްޔު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ލޯފަން ބޭކަލަކަށް "ބަންގީގެ އަޑު އިވޭތޯ" އެއްސެވުމުން "އާދެ" އޭ ދެންނެވުމުން، "ފަހެ އިޖާބަދޭށެވެ!" ވިދާޅުވި ބަސްފުޅު ކުރިން އިސްވެ ހިނގައްޖެއެވެ. އަދި އަބޫ ދާވޫދުގައި ވާރިދުވެފައިވާ (ލޯފާން ޞަޙާބީ) އިބްނު އުއްމު މަކްތޫމްގެ ޙަދީޘްގައިވެއެވެ: (ރަސޫލު ﷲ ޙަދީޘް ކުރެއްވިޔޭ) «فإني لا أجد لك رخصة» "ފަހެ ކަލޭގެފާނަށް އެއްވެސް ލުޔެއް (އިސްތިސްނާއެއް) އޮތްކަމަކަށް ތިމަންކަލޭގެފާނަށް ފެނިވަޑައެއްނުގަނެއެވެ." (އަލްޢަލްވާން އެހެން ތަނެއްގައި ވިދާޅުވީ މިޙަދީޘުތަކުން އިބްނު ޢައްބާސްގެ ޙަދީޘަށް ހެކިދޭކަމުގައެވެ.)
ފިޤުހުވެރިން رحمهم الله ޖަމާޢަތުގެ ނަމާދާ މެދު ޚިލާފުވެވަޑައިގެންފައިވެއެވެ.
(ހ) ފުރަތަމަ ބަސްފުޅު (ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތް): ޖަމާޢަތަކީ ނަމާދު ޞައްޙަ ވުމުގެ ޝަރުޠެކެވެ. މިއީ ގިނަ ޞަޙާބީންގެ އަރިހުން ރިވާވެގެންވާ ބަސްފުޅެކެވެ. އެހެންކަމުން ޢަބްދުﷲ ބުނު މަސްޢޫދު ވިދާޅުވެފައިވެއެވެ: [لقد رأيتنا - أي معشر الصحابة-وما يتخلف عنها -أي عن الصلاة - إلا منافق معلوم النفاق] "ތިމަންމެން [އެބަހީ ޞަޙާބީން] ދުށީމުއެވެ. ނިފާޤުކަން ފާޅުވެގެންވާ މުނާފިޤަކު މެނުވީ އެއިން [އެބަހީ؛ ޖަމާޢަތުގެ ނަމާދުން] ވަކިވެ ނުތިބެއެވެ." ރިވާކުރެއްވީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައެވެ.
މާނައަކީ ތިމަންމެން ޞަޙާބީން، ޖަމާޢަތުގެ ނަމާދަށް ނާންނަ މީހާއަކީ މުނާފިޤެއްގެ ގޮތުގައި ޙުކުމްކޮށް، އެއީ ނިފާޤުކަމުގެ ޢަލާމާތެއް ކަމުގައި ބެލީމުއެވެ. މީގެ މުރާދަކީ މުސްލިމުންގެ ޖަމާޢަތާއެކުގައި (ނަމާދު) ނުކުރުމެވެ.
(ށ) ދެވަނަ ބަސްފުޅު: ޖަމާޢަތުގެ ނަމާދަކީ ވާޖިބެކެވެ، ނަމަވެސް އެއީ ނަމާދު ޞައްޙަ ވުމުގެ ޝަރުޠެއް ނޫނެވެ. އެހެންކަމުން އެކަނި ނަމާދުކުރި ނަމަވެސް އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އެކަމަކު ބޮޑުވެގެންވާ ފާފައަކާއެކުގައެވެ. މިއީ ޙަންބަލީ މަޛްހަބުގެ އެއް ބަސްފުޅެވެ. އަދި ޢިލްމުވެރިންގެ ބޮޑު ބައެއް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. މި ބަސްފުޅުގެ އަހުލުވެރިން ހުއްޖަތް ދައްކަވަނީ ދެޞަޙީޙުގައިވާ އިބްނު ޢުމަރުގެ ޙަދީޘުންނެވެ: «تفضل صلاة الجماعة عن صلاة الفذ بسبع وعشرين درجة» ((ޖަމާޢަތުގައި ކުރާ ނަމާދު، އެކަނި ކުރާ ނަމާދަށްވުރެ ހަތާވީސް ދަރަޖަ އިތުރުވެގެންވެއެވެ.)) މި ޙަދީޘްގެ ވާހަކަ ކުރިން އިސްވެ ހިނގައްޖެއެވެ.
(ނ) ތިންވަނަ ބަސްފުޅު: ޖަމާޢަތުގެ ނަމާދަކީ ސުންނަތެކެވެ. މިއީ މާލިކީންނާއި ޙަނަފީ ފިޤުހުވެރިންގެ ބައެއް ޖަމާޢަތްތަކަކުން ރިވާވެގެންވާ ޝާޛް (ނާދިރު/ބަލިކަށި) ބަސްފުޅެކެވެ. ނަމަވެސް މި ބަސްފުޅަކީ މަޛްހަބުތަކަށް ތަޢައްޞުބުވާ (ކަނުކޮށް ތަބާވާ) މީހުންނާ ދެކޮޅަށް ދެއްކޭނެ ރަނގަޅު ހުއްޖަތެކެވެ. ކޮންމެ އިންސާނަކަށްމެ އޭނާގެ މަޛްހަބުގައި ހިފުން ހުއްދަވާނަމަ، (މިބަލިކަށި ޤަޥްލަށް ތަބަޢަވާ) މާލިކީންނާއި ޙަނަފީން ގޭގައި ނަމާދުކުރުމުން އެކަމަށް އިންކާރުކުރުން ހުއްދައެއް ނުވީހެވެ.
ނަމަވެސް ﷲ ތަޢާލާ ވަނީ ޙައްޤު ދެނެގަތުމުގެ މިންގަނޑެއްގެ ގޮތުގައި އަދި ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ދަލީލުތައް ލައްވާފައެވެ. ބައެއް މީހުން ބުނެއެވެ: "މިއީ އަޙްމަދުގެ އިޚްތިޔާރެވެ. އެކަލޭގެފާނު އެހެން މީހުންނަށްވުރެ ބޮޑަށް ދެނެވަޑައިގަންނަވާނެއެވެ." އަދި އަނެއް ބަޔަކު ބުނެއެވެ: "މިއީ މާލިކުގެ އިޚްތިޔާރެވެ. އެކަލޭގެފާނު އަޙްމަދަށްވުރެ ބޮޑަށް ދެނެވަޑައިގަންނަވާނެއެވެ." އަދި އަނެއް ބަޔަކު ބުނެފާނެއެވެ: "މިއީ އަބޫ ޙަނީފާގެ އިޚްތިޔާރެވެ. އެކަލޭގެފާނަކީ އެޒަމާނުގެ އެންމެ ފިޤުހުވެރި ބޭކަލެވެ."
މިފަދައިން ވުމުން، ދީނަކީ މަޛްހަބު ކަމުގައިވެ، އަދި މަޛްހަބަކީ ތަބާވާންޖެހޭ އެތިކަމުގައި ވެގެންދެއެވެ. މިއާޚިލާފަށް ﷲ ގެ ބަސްފުޅާއި ރަސޫލު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅު ވަނީ ތަބާވުމުން އެއްފަރާތް ކުރެވިފައެވެ. އަދި ބަރަކާތެއް ޙާޞިލުކޮށްލުމަށް މެނުވީ އެ ބަސްފުޅުތައް ނުކިޔެވޭ ފަދައެވެ. މިއީ މިއަދު ގިނަ މީހުންގެ ޙާލަތު ހުރި ގޮތެވެ.
—ނިމުނީ، شرح بلوغ المرام من أدلة الأحكام އިން.
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު