މަހާނަތައް ކައިރިޔަށް އަންހެނުން ޒިޔާރަތް ކުރުމުގެ ޙުކުމުގެ މައްޗަށް ޚުލާޞާއެއް

2026-07-12 16:07

މަހާނަތައް ކައިރިޔަށް އަންހެނުން ޒިޔާރަތް ކުރުމުގެ ޙުކުމުގެ މައްޗަށް: ޚުލާޞާއެއް

[މައްސަލައިގެ ޚުލާސާ]

އިތުރުއެކަލޭގެފާނުގެ ބަސްފުޅު: «لعن الله زائرات القبور» (ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ލައުނަތް ލެއްވިއެވެ) ، އިމާމް އަބޫ ޢީސާ އައްތިރްމިޛީ رحمه الله تعالى، ޤުތައިބާ ބުނު ސަޢީދުގެ އަރިހުން ރިވާކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ: ތިމަންމެންނަށް އަބޫ ޢަވާނާ، އޭނާ ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން، އޭނާ އޭނާގެ ބައްޕަގެ ކިބައިން، އޭނާ އަބޫ ހުރައިރާގެ ކިބައިން ރިވާކުރެއްވައި ކިޔައި ދެއްްވިއެވެ: ”ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޤަބުރުތަކަށް ގިނަގިނައިން ޒިޔާރަތްކުރާ އަންހެނުންނަށް ލައުނަތް ލެއްވިއެވެ.“ ((لعن زوارات القبور)) އަބޫ ޢީސާ ވިދާޅުވިއެވެ: މިއީ ޙަސަން ޞަޙީޙް ޙަދީޘެކެވެ.

އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙްގައި «لعن الله زائرات القبور» ((ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ލައުނަތް ލެއްވިއެވެ)) މި ލަފްޒުން ރިވާކުރައްވާފައިވެއެވެ.

• އަންހެނުން ޤަބުރުތަކަށް ޒިޔާރަތްކުރުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި 3 ރައުޔަކަށް ޚިލާފު އުފެދިފައިވެއެވެ:

[1] ފުރަތަމަ ރައުޔު: ޙަރާމްވުން

އެއީ އަބޫ ހުރައިރާގެ ޙަދީޘްގެ ސަބަބުންނާއި، ޞަޙީޙައިނި (އަލްބުޚާރީ އަދި މުސްލިމް) ގައިވާ އުއްމު ޢަޠިއްޔާގެ ޙަދީޘްގެ ސަބަބުންނެވެ: «نهينا عن اتباع الجنائز ولم يعزم علينا» ((ޖަނާޒާތަކުގެ ފަހަތުން ދިޔުން އަހަރެމެންނަށް ނަހީވެވުނެވެ. ނަމަވެސް އެކަން އަހަރެމެންގެ މައްޗަށް (އެއްވެސް ލުޔެއްނެތް ގޮތުގައި) ހަރުކަށިކޮށް ކަނޑަނޭޅުއްވެއެވެ.)) އެބޭކަލުން ވިދާޅުވިއެވެ: އަންހެނާ ޖަނާޒާގެ ފަހަތުން ދިއުން މަނާކުރެވިފައިވާނަމަ، ޤަބުރުތަކަށް ޒިޔާރަތްކުރުން މަނާވުން މާ އައުލާކަން (އިސްކަން) ބޮޑެވެ. އުއްމު ޢަޠިއްޔާގެ ބަސްފުޅު: ((...ނަމަވެސް އެކަން އަހަރެމެންގެ މައްޗަށް ހަރުކަށިކޮށް ކަނޑަނޭޅުއްވެއެވެ.)) މިއަށް އެބޭކަލުން ދެ ގޮތަކަށް ޖަވާބުދެއްވައެވެ: ފުރަތަމަ ގޮތް: އެއީ އެކަމަނާއަށް ހީވި ހީވުމެކެވެ. ދެވަނަ ގޮތް: މާނައަކީ، އެ މަނާކުރެއްވުން ތިމަންމެންގެ މައްޗަށް ގަދަބާރުކޮށް (މުއައްކަދު) ނުކުރައްވައެވެ.

[2] ދެވަނަ ރައުޔު: ޙަރާމްވުމެއް ނެތި މަކްރޫހަވުން

މިއީ އިމާމް އަޙްމަދު رحمه الله تعالىގެ އަރިހުން ރިވާވެގެންވާ އެއް ރައުޔެވެ.

[3] ތިންވަނަ ރައުޔު: މަކްރޫހަކަމެއް ނެތި ހުއްދަވުން

އެއީ ފިތުނައިން ސަލާމަތްވެވޭނެކަމުގެ އަމާންކަން އޮތްނަމައެވެ. ފަހެ، ފިތުނައިން ސަލާމަތްވެވޭނެކަމުގެ އަމާންކަން ނެތްނަމަ މުޠްލަޤުކޮށް (އެއްކޮށް) މަނާވާނެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.

[ރާޖިޙު ރައުޔު]

އަދި ފުރަތަމަ ރައުޔު (ދަލީލުގެ ގޮތުން) ވަރުގަދަކަން ބޮޑެވެ. އެއީ އަންހެނުން ޤަބުރަށް ޒިޔާރަތްކުރުން މުޠްލަޤުކޮށް (އިސްތިޘްނާއެއް ނެތި) ޙަރާމްވުމެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް رحمهما الله تعالى ޚިޔާރުކުރެއްވި ގޮތެވެ.

[ސަމާލުވޭ]

އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވި ބަސްފުޅަށް ސަމާލުވާންޖެހެއެވެ. އެބޭކަލުން އަންހެނުން ޤަބުރަށް ޒިޔާރަތްކުރުން ހުއްދަކުރެއްވި ހިނދު ވިދާޅުވިއެވެ: "ފިތުނައިން ސަލާމަތްވެވޭނެކަމުގެ އަމާންކަން އޮތްނަމައެވެ." ނަމަވެސް މިހާރު ބައެއް ފިރިހެނުންނަށްވެސް [ޤަބުރާއި ގުޅުފައިހުރި މުންކަރާތްތަކާއި ޝިރުކުގެ] ފިތުނައިން ސަލާމަތްވުމުގެ އަމާންކަމެއް ނެތެވެ. ފަހެ، އެހެންކަމުހައި ވާނަމަ އަންހެނުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އިސްލާމީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި ގިނަ ފިރިހެނުންނާއި ޖާހިލުން ޤަބުރުތަކުގެ ވަށައިގެން ޠަވާފުކޮށް، ޤަބުރުތަށް މާތްކޮށް ހަދާތަން އަހަރެމެންނަށް ފެނެއެވެ. އަދި އެބައިމީހުން ޤަބުރެއް ގާތަށް ގޮސްފިނަމަ، އެ ޤަބުރު ކައިރީގައި ދުޢާ އިޖާބަކުރެއްވޭނެކަމަށް ބަލައި، ދުޢާކުރަން އިށީނދެ ތިބެއެވެ.

ބައެއް ޖާހިލުންނާއި ޣާފިލުން ޤަބުރުތައް ކައިރީގައި ޤުރުއާނުގެ ބައެއް ސޫރަތްތައް، ޚާއްޞަކޮށް ޔާސީން ސޫރަތް ކިޔަވާތަން ފެނެއެވެ. "ޔާސީން" ސޫރަތާ ބެހޭގޮތުން އެއްވެސް ޞަޙީޙް ޙަދީޘެއް ނެތެވެ. އަދި އެއްވެސް ޙަދީޘެއް ޘާބިތެއް ނުވެއެވެ. ޔާސީން ސޫރަތާ ބެހޭގޮތުން އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީވެސް އެއްވެސް އިސްތިޘްނާއެއް ނެތް ގޮތުގައި މުޠްލަޤުކޮށް ޟަޢީފް (ބަލިކަށި) ޙަދީޘްތަކެވެ. ޔާސީން ސޫރަތުގެ ފަޟީލަތާ ބެހޭގޮތުން ނުވަތަ މަރުދާންވާ ހިނދު އެ ސޫރަތް ކިޔެވުމާ ބެހޭގޮތުން ނުވަތަ އެނޫން ކަމެއްގައި އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީވެސް ޟަޢީފް ޙަދީޘްތަކެވެ. އޭގެއިން އެއްވެސް ޙަދީޘެއް ޞައްޙައެއް ނޫނެވެ. ވީމާ، ޤަބުރުތައް ކައިރީގައި އެ ސޫރަތް ކުޔެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

[ދަންނައެ] ޤަބުރުތައް ކައިރީގައި ޤުރުއާން ކިޔެވުމަކީ ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. މިކަމަކީ [އެބަހީ ޤަބުރުގެ ބަރަކާތަށް ޤުރުއާން ކިޔެވުމީ] އަޅުކަމެކެވެ. އަދި އަޅުކަމުގެ އަޞްލަކީ ދަލީލެއް [ޞައްޙަގޮތުގައި] ޘާބިތުވަންދެން ބާޠިލްވުމާއި ޙަރާމްވުމެވެ. ފަހެ ދަލީލެއް ޘާބިތުނުވާނަމަ، އަޞްލަކީ އޭގެ ބާޠިލުކަމެވެ...“

—އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ގެ ބަސްކޮޅު "شرح تجريد التوحيد للمقريزي" ފޮތުން، މިހިސާބަށް. ނިމުނީ.

[ރާޖިޙު ޤަޥްލުގެ މައްޗަށް އިތުރު ތަފްޞީލު]

”އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތްކުރުމުގެ މަސްއަލައަކީ ޚިލާފު ހުރި މައްސަލައެކެވެ. އަދި އެ ޚިލާފަކީ މަޝްހޫރު ޚިލާފެކެވެ. ނަމަވެސް އެކަން މަނާކުރާ މީހުންގެ ދަލީލުތައް މާ ވަރުގަދައެވެ. ސަބަބަކީ މަނާކުރާ މީހުންގެ ދަލީލުތަކަކީ ސައްޙަ އަދި (ނުސާފުކަމެއް ނެތް) ޞަރީޙަ ދަލީލުތަކެކެވެ. އަދި ހުއްދަކުރާ މީހުންގެ ދަލީލުތަކަކީ ސައްޙަ ނަމަވެސް، ޞަރީޙަ ނޫން ދަލީލުތަކެކެވެ. އަދި ސާފުޞަރީޙަ ދަލީލު އެނޫން ދަލީލުތަކުގެ މައްޗަށް އިސްކުރެވެއެވެ. އަދި ހަމަކަށަވަރުން ޤަބުރުސްތާނަށް ގިނައިން ޒިޔާރަތްކުރާ އަންހެނުންނަށް ނަބިއްޔު صلى الله عليه وسلم ލަޢުނަތް ކުރެއްވިއެވެ. މި ޙަދީޘް އިމާމް އައްތިރްމިޛީ އާއި އެނޫން ބޭފުޅުން އަބޫ ހުރައިރާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އަދި (ޞައްޙަ ކަމުގެ ދަރަޖައަށް ބަލާއިރު) އެފަދަ ޙަދީޘްތަކުން ހުއްޖަތް ނެގޭނެއެވެ.

އަދި «كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا» ((ތިޔަބައިމީހުން ޤަބުރުސްތާނަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު އިހުގައި ނަހީކުރެއްވީމެވެ. ފަހެ، އެތަނަށް (ކުރިޔަށް އޮތްތަނުގައި) ޒިޔާރަތްކުރާށެވެ،)) މިފަދައިން ނަބިއްޔު صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅާ ބެހޭގޮތުން ދަންނައެ، މިއީ ފިރިހެނުންނަށް ޚާއްޞަ ބަސްފުޅެކެވެ. ސަބަބަކީ އުޞޫލީ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުންގެ މަޛްހަބަކީ، ޚާއްޞަ ޙުކުމެއްގެ ފަހުން ޢާއްމު ޙުކުމެއް އައި ނަމަވެސް، އެ ޢާއްމު ޙުކުމްގެ ސަބަބުން ޚާއްޞަ ޙުކުމް މަންސޫޚް ނުވާނެ ކަމެވެ. އަދި ޚާއްޞަ ޙުކުމް އޭގެ ޚާއްޞަކަންމަތީ ދެމިއޮންނާނެއެވެ. އޭގެ އިތުރުން، "ތިޔަބައިމީހުން ޤަބުރުސްތާނަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު ނަހީކުރެއްވީމެވެ..." މި ބަސްފުޅު އައިސްފައިވަނީ، ޤަބުރުސްތާނަށް ޒިޔާރަތްކުރާ އަންހެނުންނަށް ނަބިއްޔު صلى الله عليه وسلم (އެނޫން ޙަދީޘެއްގައި) ނަހީކުރައްވައި ލަޢުނަތް ކުރެއްވި ބަސްފުޅުގެ ފަހުން ކަމެއް ޘާބިތެއް ނުވެއެވެ.

އަދި އެކަން މަނާކުރާ ދަލީލުތަކުގެ ތެރޭގައި: އަންހެނުންނަކީ ބަލިކަށި ބައެއް ކަމުގައިވުމާއި، މަރުވެފައިވާ މީހުންގެ ސަބަބުން އެކަނބަލުންނަށް ކުރިމަތިވާ ފިތުނައާއި ހިތާމަ ފިރިހެނުންނަށްވުރެ ބޮޑުވުން ހިމެނެއެވެ. އަދި ފިރިހެނުންނަށްވެސް ކޮންމެ ދުވަހަކު ޤަބުރުސްތާނަށް ޒިޔާރަތްކުރުމުގެ ހުއްދައެއް ނޯޔުނުގެ ދަލީލުގެ މައްޗަށެވެ. ސަބަބަކީ އެއީ އެތަނަކީ ޢީދެއް (ނުވަތަ އަބަދު އެއްވާ ތަނެއް) ކަމުގައި ހެދުން ކަމަށްވާތީއެވެ. ހަމަކަށަވަރުން ނަބިއްޔު صلى الله عليه وسلم ވަނީ އެކަން ނަހީކުރައްވާފައެވެ. އެވެރިންގެ ޒިޔާރަތަކީވެސް (އާދައަކަށް ނުވާހެން) ބައެއް ފަހަރަށް އޮތް ކަމެކެވެ. އެއީ ނަބިއްޔު صلى الله عليه وسلم އާއި ޞަޙާބީންވެސް ކަންތައް ކުރެއްވި ގޮތެވެ. އެހެންކަމުން ނަބިއްޔު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: «لا تتخذوا قبري عيدا» ((ތިމަންކަލޭގެފާނުގެ މަޤްބަރާއަކީ ޢީދެއް ކަމުގައި ނުހަދާހުށި ކަމެވެ.)) އެބަހީ: މާ ގިނައިން ޒިޔާރަތް ނުކުރާށެވެ. އެއީ ފިތުނައަކަށް ވެދާނެތީއާއި ޙަރާމް ކަމެއްގެ ތެރެއަށް ވެއްޓިދާނެތީ ބިރުގަންނަވައެވެ. ފިރިހެނުންނަށްވެސް މެދުކެނޑުމެއްނެތި އަބަދު އެތަނަށް ޒިޔާރަތްކުރުން މަނާވެގެންވާނަމަ، އަންހެނުން މަނާކުރުން މާ އައުލާކަން ބޮޑެވެ.

އަދި މީގެ ދަލީލުތަކުގެ ތެރޭގައި ޞަޙީޙައިންގައި އުއްމު ޢަޡިއްޔާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ބަސްފުޅު ހިމެނެއެވެ. އެކަމަނާ ވިދާޅުވިއެވެ: «نهينا عن اتباع الجنائز ولم يعزم علينا» ((ޖަނާޒާތަކުގެ ފަހަތުން ދިޔުން އަހަރެމެންނަށް ނަހީވެވުނެވެ. ނަމަވެސް އެކަން އަހަރެމެންގެ މައްޗަށް (އެއްވެސް ލުޔެއްނެތް ގޮތުގައި) ހަރުކަށިކޮށް ކަނޑަނޭޅުއްވެއެވެ.)) ފަހެ، އަންހެނުން ޖަނާޒާގެ ފަހަތުން ދިޔުން މަނާކުރެވިފައި އޮތުމުން ދޭހަވަނީ، ޤަބުރުސްތާނަށް ޒިޔާރަތްކުރުންވެސް އެކަނބަލުންނަށް މަނާވެގެންވާ ކަމެވެ. ސަބަބަކީ ފުރަތަމަ ޝަރީޢަތުގައި ކަމެއް މަނާކުރެއްވުމަށްފަހު، ފަހުން އެކަމުގެ ފަހުކޮޅުގައި އެކަމަށް ހުއްދަދޭ އެއްވެސް ކަމެއް ޝަރީޢަތުގައި ނުވެއެވެ. މިއީ އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ފަހެ، ނަބިއްޔު صلى الله عليه وسلم ކަންކަމުގެ ފެށުން (މުޤައްދިމާތައް) ނަހީކުރެއްވުމުން، އޭގެ ނިމުން (ނަތީޖާ) މަނާވުން މާ އައުލާކަން ބޮޑެވެ. އަދި ޝަރީޢަތް އެއްގޮތް ދެކަމެއްގެ މެދުގައި ތަފާތެއް ނުކުރެއެވެ. އަދި ތަފާތު ދެކަމެއް އެއް ނުކުރެއެވެ.

އެހެންކަމުން ޝަރީޢަތުގައި ކަމެއް ނަހީކުރައްވައިފިނަމަ، އޭގެ މުޤައްދިމާތައް (އެބަހީ: އެކަމަކަށް ވާޞިލުވާން އޮތް ފެށުންތައް) ވެސް ނަހީކުރެވެއެވެ. ފަހެ، ﷲ جل وعلا ޒިނޭ ޙަރާމްކުރެއްވި ހިނދު، އެކަމުގެ ހުރިހާ މުޤައްދިމާތަކެއްވެސް ނަހީކުރެއްވިއެވެ. އެގޮތުން ބެލުމާއި، އަތްލުމާއި، މަސްހުނިވުން ފަދަ، އަޅާ އެޙަރާމުގެ ތެރެއަށް ވައްޓާލާނެ ފަދަ ކަންތައްތައް ނަހީކުރެއްވިއެވެ. ފަހެ، ޝަރީޢަތް މުޤައްދިމާތައް ނަހީކުރެއްވުމަކީ، އެ މުޤައްދިމާއަށް ވާޞިލުކޮށްދޭ ކަންތައްތައް މަނާކުރެއްވުމުގެ ސާފުޞަރީޙަ ދަލީލެކެވެ. ފަހެ، ނަބިއްޔާ ޖަނާޒާގެ ފަހަތުން ދިޔުން ނަހީކުރެއްވީ ކީއްވެގެންތޯއެވެ؟ ސަބަބަކީ އެކަމަކީ ޤަބުރުސްތާނަށް ޒިޔާރަތްކުރުމަށް ވާޞިލުކޮށްދޭ ކަމަކަށް ވާތީއެވެ. އެހެންކަމުން މިއީ އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތްކުރުން މަނާކުރާ ދަލީލެކެވެ.

އަދި އުއްމު ޢަޠިއްޔާ رضي الله عنها ވިދާޅުވީ ((..ނަމަވެސް އެކަން އަހަރެމެންގެ މައްޗަށް ހަރުކަށިކޮށް ކަނޑަނޭޅުއްވެއެވެ.)) މި ބަސްފުޅާ ބެހޭގޮތުން ދަންނާށެވެ! މީގައި ދެ މާނައެއް އެކުލެވިގެންވުން އެކަށީގެންވެއެވެ. ފުރަތަމަ ކަމަކީ: އެ ނަހީ ކުރެއްވުން ގަދަ ނުކުރައްވާ ކަމެވެ. އަދި [ދެވަނަ ގޮތަކީ] މިއީ އެކަމަނާއަށް ހީވިހީވުމެކެވެ. އަދި އެ ނަހީއާމެދު އެކަމަނާއަށް ވިސްނިވަޑައިގަތް ގޮތެވެ. ނަމަވެސް މިއަކުން އެއީ ނަހީއެއް ނޫން ކަމަކަށް ދަލީލެއް ނުކުރެއެވެ. އެއީ ނަހީއެކެވެ. އެކަމަކު ނަހީތަކުގެ ދަރަޖަތައް ހުރެއެވެ. (ބަޔާންވެވުނު) ދެވަނަ ބަހަކީ، އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރުކުރެއްވި ބަސްފުޅެވެ. އެއީ އެކަމަނާއަށް އެގޮތަށް ހީވި ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫން ކަމެވެ.

އަދި ސުވާލު ކުރެވުނު ޢާއިޝާ رضي الله عنها ގެ ޙަދީޘާ ބެހޭގޮތުން ދަންނާށެވެ! އެކަމަނާ ވިދާޅުވިޔޭ «ماذا أقول إذا زرت المقابر؟...» "((ތިމަންކަކަމަނާ ޤަބުރުސްތާނަށް ޒިޔާރަތްކުރާ ހިނދު ވިދާޅުވާނީ ކީކޭތޯ؟..)) (ނޯޓް: މީގެ މުސްލިމްގެ ރިވާޔަތް) އެކަމަނާ ސުވާލުކުރެއްވި މިބަސްފުޅުގެ މާނައަކީ: "ޤަބުރުސްތާނު ކައިރިން ހުރަސްކުރާ ހިނދު" އެވެ. އޭގެ މާނައަކީ އެތަނަށް "ވަންނަ ހިނދު" އެއް ނޫނެވެ. އަދި ނަބިއްޔު صلى الله عليه وسلم ގެ ޒަމާނުގައި ނުވަތަ ޞަޙާބީންގެ ޒަމާނުގައި އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތްކުރި ކަމުގެ އެއްވެސް ޞައްޙަ، ސާފުޞަރީޙަ ޙަދީޘެއް ނެތެވެ. ހުރީ ހަމައެކަނި އިޙްތިމާލުތައް ހުރި (ދޭހަކުރެވިދާނެ) ދަލީލުތަކެވެ. އެއާ ޚިލާފަށް މަނާކުރާ ދަލީލުތަކަކީ ސާފުޞަރީޙަ ދަލީލުތަކެކެވެ. “

— އައްޝެއިޙް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)

~ ގަލަންދާނު