ބޫލުޣުލް މަރާމްގެ ޝަރަޙައިން (ޙަދީޘް 294): ދަތުރުވެރިން ޖަމާޢަތް ހެދުން ޝަރުޢުވެގެންވާ ކަމާއި ނަމާދުކޮށްގެން ހުރި މީހާ މިސްކިތެއްގެ ޖަމާޢަތަށް ޢާދެވިއްޖެނަމަ ސުންނަތް ނަމާދެއްގޮތުގައި ބައިވެރިވާން އޮތް ޢަމުރާއި ނަހީގެ ވަޤުތު ސަބަބަކާއިއެކު ނަމާދު ކުރެވޭނެކަން ދޭހަކޮށްދޭ ޙަދީޘު
ޙަދީޘް
٣٩٤ - وَعَنْ يَزِيدَ بْنِ اَلْأَسْوَدِ - رضي الله عنه - أَنَّهُ صَلَّى مَعَ رَسُولِ اَللَّهِ - صلى الله عليه وسلم - صَلَاةَ اَلصُّبْحِ, فَلَمَّا صَلَّى رَسُولُ اَللَّهِ - صلى الله عليه وسلم - إِذَا هُوَ بِرَجُلَيْنِ لَمْ يُصَلِّيَا, فَدَعَا بِهِمَا, فَجِيءَ بِهِمَا تَرْعَدُ فَرَائِصُهُمَا, فَقَالَ لَهُمَا: "مَا مَنَعَكُمَا أَنْ تُصَلِّيَا مَعَنَا?" قَالَا: قَدْ صَلَّيْنَا فِي رِحَالِنَا. قَالَ: "فَلَا تَفْعَلَا, إِذَا صَلَّيْتُمَا فِي رِحَالِكُمْ, ثُمَّ أَدْرَكْتُمْ اَلْإِمَامَ وَلَمْ يُصَلِّ, فَصَلِّيَا مَعَهُ, فَإِنَّهَا لَكُمْ نَافِلَةٌ" ? رَوَاهُ أَحْمَدُ, وَاللَّفْظُ لَهُ, وَالثَّلَاثَةُ, وَصَحَّحَهُ اَلتِّرْمِذِيُّ, وَابْنُ حِبَّان َ.
394 - يَزِيدُ بْنُ اَلْأَسْوَدِ - رضي الله عنه - ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ރަސޫލު ﷲ - صلى الله عليه وسلم - އާއެކު ފަތިސްނަމާދު ކުރެއްވިއެވެ. ރަސޫލު ﷲ - صلى الله عليه وسلم - ނަމާދުކޮށް އަވަދިވެވަޑައިގަތް ހިނދު، (ޖަމާއަތުގައި) ނަމާދުނުކޮށް ތިބި ދެ މީހަކު ފެނިވަޑައިގަތެވެ. ފަހެ، އެ ދެމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައުމަށް އެންގެވިއެވެ. އެހިނދު (ބިރުންގޮސް) އެ ދެ މީހުންގެ ކަނދުރާމަތިން ތުރުތުރު އަޅާ ޙާލު އެކަލޭގެފާނުގެ އަރިހަށް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު އެ ދެ މީހުންނަށް ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ތިމަންބޭކަލުންނާއެކު ނަމާދުކުރުމުން މަނާކުރީ ކޮން ކަމެއް ހެއްޔެވެ؟" އެ ދެ މީހުން ދެންނެވިއެވެ: "އަޅުގަނޑުމެން ތިބި ތަނުގައި (ފޭލިގޭގައި) ނަމާދުކޮށްފީމުއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަގޮތަށް ކަންތައް ނުކުރާށެވެ! ތިޔަބައިމީހުން ތިބޭ ތަނުގައި ނަމާދުކޮށްގެން ތިއްބާ، އިމާމުމީހާ (ނަމާދުކުރަނިކޮށް) އޭނާއާ ބައްދަލުވެއްޖެނަމަ، އޭނާއާއެކު ނަމާދުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެ ނަމާދު ތިޔަބައިމީހުންނަށް ވެގެންދާނީ ނަފްލު (ސުންނަތް) ނަމާދަކަށެވެ."
ރިވާކުރެއްވީ އަޙްމަދެވެ. އަދި ޙަދީޘްގެ މިޢިބާރާތަކީ އެކަލޭގެފާނުގެ ރިވާޔަތުންނެވެ. އަދި ތިން އިމާމުން (އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ) ވެސް މިޙަދީޘް ރިވާކުރެއްވިއެވެ. އަދި އައްތިރްމިޛީ އާއި އިބްނު ޙިއްބާން މި ޙަދީޘް ޞައްޙަކުރެއްވިއެވެ.
ޝަރަޙަ (މާނައާއި ތަފްސީރު)
މި ޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު رحمه الله އާއި، އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި، އައްނަސާއީ އާއި، އިބްނު ޙިއްބާން އާއި، އިބްނު ޚުޒައިމާ އާއި، އަލްޙާކިމް އެވެ. މިއެންމެ އިމާމުންވެސް ރިވާކުރައްވާފައިވަނީ ޔަޢުލާ ބުނު ޢަޠާއުގެ މަގުން، ޖާބިރު ބުނު ޔަޒީދު ބުނު އަލްއަސްވަދުގެ ކިބައިން، އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން، ނަބިއްޔު - صلى الله عليه وسلم - ގެ އަރިހުންނެވެ.
އަދި އައްތިރްމިޛީ، އިބްނު ޚުޒައިމާ، އިބްނު ޙިއްބާން އަދި ޙާކިމް މި ޙަދީޘް ޞައްޙަކުރެއްވިއެވެ. ޔަޢުލާ ބުނު ޢަޠާއުގެ އަރިހުން ގިނަ ބޭކަލުންތަކެއް މި ޙަދީޘް ރިވާކުރެއްވިއެވެ. އޭގެ ތެރޭގައި ޝުޢުބާ، ޣައިލާން، ހިޝާމް ބުނު ޙައްސާން، އަބޫ ޚާލިދު އައްދާލާނީ އަދި އެނޫން ބޭކަލުން ހިމެނެއެވެ.
އިމާމް އައްޝާފިޢީ رحمه الله ވިދާޅުވިއެވެ: "މީގެ ސަނަދުގައި މަޖުހޫލު (ނޭނގޭ) ބަޔަކުވެއެވެ." އެކަލޭގެފާނު އެ އިޝާރާތްކުރައްވަނީ ޔަޢުލާ ބުނު ޢަޠާއު އަށާއި އޭނާގެ އުސްތާޛު ޖާބިރު ބުނު ޔަޒީދު އަށެވެ. ސަބަބަކީ ޖާބިރު ބުނު ޔަޒީދުގެ އަރިހުން ޔަޢުލާ ބުނު ޢަޠާއު ފިޔަވައި އެހެން މީހަކު ރިވާކޮށްފައި ނުވާތީއެވެ. ނަމަވެސް މިފަދަ ކަމަކުން ގެއްލުމެއް ނުވެއެވެ. ސަބަބަކީ ޔަޢުލާ ބުނު ޢަޠާއު އަކީ އިމާމް މުސްލިމްގެ (ޞަޙީޙުގެ) ރާވީންގެ ތެރެއިން ހިމެނޭ ބޭކަލެކެވެ. އަދި ޙުއްފާޡުންގެ (ޙަދީޘް ޢިލްމުގެ އިމާމުމް ގެ) ގިނަ ބޭކަލުންތަކެއް އޭނާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަދި އޭނާއަކީ ތެދުވެރިއެކެވެ (ޞަދޫޤެކެވެ). އަދި ޖާބިރު ބުނު ޔަޒީދަކީ އައްނަސާއީ އާއި އެނޫން ބޭކަލުން އިތުބާރު ހުރި (ޘިޤާ) ބޭކަލެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭކަލެކެވެ. އެހެންކަމުން ޖާބިރުގެ އަރިހުން ރިވާކުރުމުގައި ޔަޢުލާ އެކަނިވުމަކުން ގެއްލުމެއް ނެތެވެ. ހަމަކަށަވަރުން އައްނަސާއީ އޭނާއަކީ އިތުބާރު ހުރި ބޭކަލެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އައްތިރްމިޛީ، އިބްނު ޚުޒައިމާ، އިބްނު ޙިއްބާން އަދި ޢިލްމުވެރިންގެ ޖަމާޢަތެއް މި ޙަދީޘް ޞައްޙަކުރެއްވިއެވެ. އެހެންކަމުން، މި ޙަދީޘްގެ ސަނަދަކީ ޞައްޙަ ސަނަދެކެވެ.
[ޙަދީޘު މަތަނުން] "صليت مع رسول الله - صلى الله عليه وسلم - صلاة الصبح في مسجد الخيف:"
"ރަސޫލުއްލާހް - صلى الله عليه وسلم - އާއެކު މަސްޖިދުލް ޚައިފްގައި ފަތިސްނަމާދު ކުރެއްވީމެވެ"
"ޞުބުޙް" (ފަތިސް) މި ލަފުޒު އައިސްފައިވަނީ ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައެވެ. މިއީ ބައެއް ރިވާޔަތްތަކުގައި ކޮން ނަމާދެއްކަން އެނގެން ނެތް އޮޅުންބޮޅުންވުން ސާފުކޮށްދޭ ލަފުޒެކެވެ.
"މަސްޖިދުލް ޚައިފް"
އެއީ މިނާގައި ހުންނަ މަޝްހޫރު މިސްކިތެކެވެ.
މި ޙަދީޘްގައި ދަތުރުވެރިން ޖަމާޢަތް ހެދުމުގެ ހެއްކެއްވެއެވެ. އަދި ދަތުރުވެރިޔާވެސް އެހެން މީހުން ފަދައިން ޖަމާޢަތް ޤާއިމުކުރަންޖެހޭނެއެވެ. އެއީ ދަލީލުތަކުގެ ޢާއްމު މާނައަށް ބަލާފައެވެ. ހަމަކަށަވަރުން، ގަދަފަދަ ބިރުވެރިކަމުގެ ޙާލަތުގައިވެސް ޖަމާޢަތް ޤާއިމުކުރުމަށް ﷲ އަމުރުކުރައްވާފައިވެއެވެ. އެނގޭނެ ފަދައިން، ޚައުފް ނަމާދާ (ބިރުވެރިކަމުގެ ނަމާދާ) ބެހޭގޮތުން ނަބިއްޔު - صلى الله عليه وسلم - ގެ އަރިހުން އައިސްފައިވާ ޙަދީޘްތައް އައިސްފައިވަނީ ދަތުރުމަތީގައެވެ. އެހެން އެކަން އޮތްއިރުވެސް ﷲ ވަނީ ޖަމާޢަތް ޤާއިމުކުރުމަށް އަމުރުކުރައްވާފައެވެ.
ދަތުރުވެރިޔާއަށް ޖަމާޢަތުގައި ނަމާދުކުރުމުގެ ޙުކުމާމެދު ފިޤުހުވެރިން رحمهم الله ޚިލާފުވެވަޑައިގެންފައިވެއެވެ:
އިމާމް އަޙްމަދު رحمه الله ގެ މަޛްހަބު: ރަށުގައި ހުއްޓަސް އަދި ދަތުރުމަތީގައިވިޔަސް ޖަމާޢަތް ވާޖިބުވެގެންވެއެވެ.
އިމާމް އައްޝާފިޢީ رحمه الله ގެ މަޛްހަބު: ދަތުރުމަތީގައި ޖަމާޢަތް ވާޖިބުވެގެން ނުވެއެވެ.
ދަލީލުތަކުގެ ބޭރުފުށުން ދޭހަވަނީ ރަށުގައި ހުންނައިރު ޖަމާޢަތް ވާޖިބުވާ ފަދައިން ދަތުރުމަތީގައިވެސް ޖަމާޢަތް ވާޖިބުވާ ކަމަށެވެ. މީހަކު ސުވާލުކޮށްފިނަމަ، "މީހަކު އެކަނި ދަތުރުކުރާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟" ފުރަތަމަ ބުނާށެވެ: ޙާޖަތެއް ނެތި މީހަކު އެކަނި ދަތުރުކުރުމަކީ މަކްރޫހަ ކަމެކެވެ. އެއީ ޢަމްރު ބުނު ޝުޢައިބު، އެކަލޭގެފާނުގެ ބައްޕަގެ އަރިހުން، އެކަލޭގެފާނުގެ ކާފަގެ އަރިހުން ރިވާކުރައްވައި އަބޫ ދާވޫދު ރިވާކުރެއްވި ޙަދީޘެއްގެ މައްޗަށެވެ.
ފަހެ، އެކަނި ދަތުރުކުރި ކަމުގައިވިޔަސް —އެއީ ޙާޖަތެއް އޮވެމެ ނުވަތަ ޙާޖަތެއް ނެތި ކުރި ދަތުރެއް ކަމުގައިވިޔަސް— ނަމާދު ވަޤުތު ޖެހުމުން، އޭނާ އެކުގައި ނަމާދުކުރާނެ ޖަމާޢަތެއް ހޯދުން ވާޖިބުވާނެއެވެ. ޖަމާޢަތެއް ނުފެނިއްޖެނަމަ، އެކަނި ނަމާދުކުރާނީއެވެ.
[ޙަދީޘު މަތަނުން] "فلما سلم فإذا هو برجلين [لَمْ يُصَلِّيَا] فدعا بهما فجيء بهما ترعد فرائصهما قال لهم النبي - صلى الله عليه وسلم - ألستما مسلمين" :
”ނަމާދުކޮށް އަވަދިވެވަޑައިގަތް ހިނދު، (ޖަމާއަތުގައި) ނަމާދުނުކޮށް ތިބި ދެ މީހަކު ފެނިވަޑައިގަތެވެ. ފަހެ، އެ ދެމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައުމަށް އެންގެވިއެވެ. އެހިނދު (ބިރުންގޮސް) އެ ދެ މީހުންގެ ކަނދުރާމަތިން ތުރުތުރު އަޅާ ޙާލު އެކަލޭގެފާނުގެ އަރިހަށް ގެނެވުނެވެ.“ [އަދި އަލްބައިހަޤީ ގެ ރިވާޔަތުގައި ވަނީ] ”ނަބިއްޔު ﷺ އެ ދެ މީހުންނަށް ޙަދީޘްކުރެއްވިއޭ: "ތިޔައީ މުސްލިމުންނެއް ނޫން ހެއްޔެވެ؟"
ނަމާދު ދޫކޮށްލާ މީހާ ކާފިރުވާނެ ކަމަށް ބުނާ ބޭކަލުން މި ބަސްފުޅުން ދަލީލު ނަންގަވައެވެ. އެއީ ނަބިއްޔު - صلى الله عليه وسلم - ނަމާދަކީ އިސްލާމްކަމުގެ ޢަލާމާތެއް ކަމުގައި ހައްދަވައި، ނަމާދު ދޫކޮށްލުމަކީ ކުފުރުގެ ޢަލާމާތެއް ކަމުގައި ހެއްދެވުމުންނެވެ. ސަބަބަކީ ކާފިރަކު މެނުވީ ނަމާދުން ދުރުވެ މަޑުޖެހިގެން ނުތިބޭނެތީއެވެ. އެހެންވެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔައީ މުސްލިމުންނެއް ނޫން ހެއްޔެވެ؟"
އަދި ޞަޙާބީންގެ ޢާންމު އެންމެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ނަމާދު ދޫކޮށްލާ މީހާ ކާފިރުވާނެ ކަމަށެވެ. އަދި އެއިން އެންމެ ބޭކަލަކު މިއާ ދެކޮޅުވެލައްވާފައި ނުވެއެވެ. ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންތަކެއް މިކަމުގެ މައްޗަށް ޞަޙާބީންގެ އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އިސްޙާޤާއި އަލްމަރުވަޒީ އާއި އަލްމުންޛިރީ އަދި އިބްނު ޙަޒްމު ހިމެނެއެވެ. އައްތިރްމިޛީ އެކަލޭގެފާނުގެ ޖާމިޢުގައި ވިދާޅުވެފައިވެއެވެ: ޤުތައިބާ ބުނު ސަޢީދު ތިމަންމެންނަށް ކިޔައިދެއްވިއެވެ. ބިޝްރު ބުނު އަލްމުފައްޟަލް އަހަރެމެންނަށް ޚަބަރު ދެއްވިޔޭ އަލްޖުރައިރީގެ އަރިހުން، ޢަބްދު ﷲ ބުނު ޝަޤީޤުލް ޢުޤައިލީ ވިދާޅުވިޔޭ: (كان أصحاب رسول الله - صلى الله عليه وسلم - لا يرون شيء تركه كفر غير الصلاة) "ރަސޫލު ﷲ - صلى الله عليه وسلم - ގެ އަޞްޙާބުން އެކަމެއް ދޫކޮށްލުމީ ކުފުރެއް ކަމުގައި އެއްވެސް ކަމެއް ދެކެވަޑައި ނުގަންނަވައޭ އެހެނަސް ނަމާދު ފިޔަވައެވެ."
[ޙަދީޘުގެ މަތަނުން] "صلينا في رحالنا" :
"އަޅުގަނޑުމެން ތިބި ތަނުގައި (ފޭލިގޭގައި) ނަމާދުކޮށްފީމުއެވެ."
ބައެއް ޢިލްމުވެރިން މި ޚަބަރުން ދަލީލު ނަންގަވަނީ ދަތުރުވެރިންގެ މައްޗަށް މިސްކިތަށް ދިއުން ވާޖިބުވެގެން ނުވާ ކަމަށެވެ. ނަމަވެސް ބައެއް ޢިލްމުވެރިން މިއަށް ރައްދުދެއްވަނީ ނަބިއްޔު - صلى الله عليه وسلم - ގެ ބަސްފުޅު (لا تفعلوا) "ތިޔަގޮތަށް ކަންތައް ނުކުރާށެވެ" ބޭނުންކުރައްވައެވެ. (އެބަހީ: އެއިން މަނައު ކުރައްވަނ ީ ދަތުރުވެރިން ވަކިން ތިބެ ނަމާދު ކުރުމެވެ.) އަދި ބުނެވެއެވެ: "ތިޔަގޮތަށް ކަންތައް ނުކުރާށެވެ" ގެ މުރާދަކީ: ތިޔަބައިމީހުން (ދަތުރުވެރިންގެ ޖަމާޢަތުގައި ނަމާދުކޮށްގެން ތިއްބަސް) މިސްކިތަށް ވަދެއްޖެނަމަ، ޞަފުތަކުގެ ފަހަތުގައި (ނަމާދަށް ނުގުޅި) އިށީނދެގެން ނުތިބޭށެވެ. މިއީ ޙަދީޘްގެ ބޭރުފުށުން އެންމެ ޞާފުކޮށް އެނގޭ ތަފްސީރެވެ.
ފަހެ، މީގައި މީސްތަކުން (ފަރުޟު ޖަމާޢަތުގައި) ނަމާދުކުރަން ތިއްބާ ޞަފުތަކުގެ ފަހަތުގައި އިށީނދެގެން ތިބުން ޙަރާމްކަމުގެ ދަލީލެއްވެއެވެ. އޭނާއަކީ އެހެން މިސްކިތެއްގައި ނަމާދުކޮށްގެން އަވަދިވެގެން ހުރި މީހެއް ކަމުގައި ވިޔަސްމެއެވެ. މިސްކިތަށް ވަދެއްޖެނަމަ، އޭނާގެ މައްޗަށް އޮތީ އެމީހުންނާއެކު ނަމާދުކުރުމެވެ. ނޫންނަމަ ފުރަތަމައިނުންވެސް މިސްކިތަށް ނުވަންނާނީއެވެ. ބައެއް މީހުން މިކަމަށް އިހުމާލުވެއެވެ. މިއީ ނުބައިކަމެކެވެ. މިއީ އިންކާރުކުރަން (އެބަހީ: މަނާކުރަން) ޖެހޭ ކަމެކެވެ.
ދެން ރަސޫލާ - صلى الله عليه وسلم - ޙަދީޘްކުރެއްވިއެވެ:
[ޙަދީޘުގެ މަތަނުން] "فإذا أتيتما مسجد جماعة [وهو يصلون] فصليا معهم" "ފަހެ، ތިޔަބައިމީހުން ޖަމާޢަތް ހެދޭ މިސްކިތަކަށް އައިސްފިނަމަ، [އަދި އެމީހުން ތިބީ ނަމާދަށް ނަމަ] އެމީހުންނާއެކު ނަމާދުކުރާހުށިކަމެވެ."
މިތަނުގައި މިއޮތީ އަމުރެކެވެ. އަދި (އެނޫން ދަލީލަކުން އެކަން ކަނޑުވައި ނުލާހާ ހިނދަކު) އަމުރުގެ އަޞްލަކީ ވާޖިބުވުމެވެ. މި ޙަދީޘަކީ ނަމާދުކުރުން ނަހީ ކުރެވިފައިވާ ވަޤުތުތަކުގައި ވިޔަސް، "ސަބަބަކާ ގުޅިފައިވާ ނަމާދުތައް" (ޛަވާތުލް އަސްބާބު) ކުރުން ހުއްދަކަމުގެ، އަދި ކިއެއްތަ އެއީ ޝަރުޢުވެގެންވާ (مشروع) ކަމެއް ކަމުގެ ސާފު ދަލީލެކެވެ. މި ނަމާދަކީ ފަތިސްނަމާދެވެ. (ނޯޓް: ފަތިސްނަމާދުކޮށް އަވަދި ވުމަށް ފަހު އިރު އަރައި އުދަރެހުން ލޮންސިއަކާއި ހަމަޔަށް އެރުމާއި ހަމަޔަށް ނަމާދު ކުރުމީ ނަހީގެ ވަޤުތުތަކުގެ ތެރެއިން ހިމެނޭ ވަޤުތެކެވެ. — ތަފްޞީލު) އެހެން އޮތްއިރުވެސް، ޙާޖަތަކަށްޓަކައި ފަތިސްވުމަށްފަހު ނާފިލާ ނަމާދެއް ކުރުމަށް ރަސޫލު - صلى الله عليه وسلم - ހުއްދަދެއްވިއެވެ. ވީމާ، ނަމާދުކުރުން ނަހީ ކުރެވިފައިވާ އެހެނިހެން ހުރިހާ ވަޤުތުތަކެއްވެސް މިކަން (އެބަހީ: ސަބަބަކާއި ލައިގެން ނަމާދު ކުރުން ހުއްދަވުން) ޙައްޤެވެ. އެހެނީ ނަމާދުކުރުން ނަހީކުރެވިފައިވާ އެންމެ ގަދަފަދަ ވަޤުތު ކަމުގައިވާ ފަތިސް ވަޤުތުގައި މިކަން ހުއްދަވާއިރު، އެނޫން ވަޤުތުތަކުގައި ހުއްދަވުން މިކަމުގައި މާ އައުލާކަން ބޮޑެވެ (މާ ބޮޑަށް އެކަށީގެންވެއެވެ).
އަދި މި ޙަދީޘަކީ ޙަންބަލީ މަޛްހަބުގެ ފިޤުހުވެރިން ވިދާޅުވާ ބަސްފުޅަށް ދެވޭ ރައްދެކެވެ. އެބޭކަލުން ވިދާޅުވަނީ: "މަޣުރިބު ނަމާދު ފިޔަވައެވެ، ފަހެ (އެމީހާ އިމާމާއެކު މަޣުރިބު ނަމާދު ދެވަނަ ފަހަރަށް ކުރާނަމަ) ރަކުޢަތެއް އިތުރުކޮށް ހަމަކުރާނީއެވެ." މި ޙަދީޘަކީ އެބޭކަލުންނަށް ދެވޭ ރައްދެކެވެ. ސަބަބަކީ ނަބިއްޔާ - صلى الله عليه وسلم - އެއްވެސް ނަމާދެއް އިސްތިސްނާ ނުކުރައްވައި ޖުމްލަވީގޮތެއްގައެވެ. އެހެންކަމުން ރަސޫލު - صلى الله عليه وسلم - ޢާއްމުކުރެއްވި ކަމެއް ޢާއްމުކުރުން ވާޖިބުވެގެންވެއެވެ. އަދި ދަލީލަކާ ނުލައި އެފަދަ އެއްވެސް ކަމެއް [ޚާއްޞަކުރުން ނުވަތަ އިސްތިޘާމްނާއެއް ގެނައުން] ހުއްދައެއް ނުވާނެއެވެ.
[ޙަދީޘުގެ މަތަނުން] "فإنها لكما نافلة"
”ފަހެ، ހަމަކަށަވަރުން އެ ނަމާދު ތިޔަބައިމީހުންނަށް ވެގެންދާނީ ނަފްލު (ސުންނަތް) ނަމާދަކަށެވެ."
މީގައި ދަލީލުކޮށްދެނީ ފުރަތަމަ (ދަތުރުވެރިންގެ ފޭލިގޭގައި) ކުރި ނަމާދަކީ ފަރުޟު ނަމާދު ކަމެވެ.
والله أعلم. “ — ނިމުނީ
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު