ނަމާދުގެ ޞަފުތައް ސީދާކުރުމަށް ބޭނުންކުރާ ލަފްޒުތަކަކީ ހުރިހާ ޙާލަތެއްގައިވެސް ކިޔުން ވާޖިބު ލަފްޒުތަކެއް ހެއްޔެވެ؟ އަދި އެ ލަފްޒުތައް ކިޔަންޖެހެނީ ސީދާ ޢަރަބިބަހުން ވާރިދުވެފައިވާ ގޮތަށް އެކަނި ހެއްޔެވެ؟
❞ މިއޮތީ އުފެދޭ ސުވާލެކެވެ: ސަފުތައް ސީދާކުރުމަށް (އަމުރުކުރުމުގައި) ބޭނުންކުރާ ލަފްޒުތަކަކީ (ޙަދީޘުގައި) ވާރިދުވެފައިވާ ގޮތަށް (ލަފްޒުން ލަފްޒަށް) އެކަނި ކިޔަންޖެހޭ (ތައުޤީފީ) ބަސްތަކެއް ހެއްޔެވެ؟ ނުވަތަ އެކަމުގައި ބެލުންވަނީ އެއިން ދޭހަވާ މާނައަށް ހެއްޔެވެ؟ މާނައަކީ، ތިބާ "އިސްތަވޫ، އިސްތަވޫ" (ސީދާވާށޭ، ސީދާވާށޭ) ނުވަތަ "ސައްވޫ ޞުފޫފަކުމް" (ސަފުތައް ސީދާކުރާށޭ)، "أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ" (އަދި ﷲ ތިޔަބައިމީހުންގެ މޫނުތަކުގެ [ހިތްތަކުގެ] މެދުގައި ޚިލާފުނުކުރައްވާށިއެވެ)... މިހެން (ޙަދީޘް ތަކުގައި ނަބިއްޔު ﷺ ވިދާޅުވިކަމަށް ވާރިދުވޭފައިވާ ލަފްޒުން) ކިޔާނަމަ، އެ ލަފްޒުން ކިޔުން ހިމެނެނީ އަޅުކަމުގެ ތެރެއިން ހެއްޔެވެ؟ ނުވަތަ (މީހަކު އެނޫން ބަސްތަކަކުން، މިޘާލަކަށް) "ޖަމާއަތުގެ ބޭފުޅުންނޭވެ، ﷲ ތިޔަބޭފުޅުންނަށް ބަރަކާތް ލައްވާށިއެވެ، ސީދާވާށެވެ، އެކަކުވެސް ކުރިއަށް ނުޖެހޭށެވެ، ފަހަތަށް ނުޖެހޭށެވެ، ޞަފުތައް ސީދާކުރާށެވެ" މިއީ ސީދާ އެ ލަފްޒުން ނަޞްއެއް(ޙަދީޘެއް ނޫނީ އަޘަރެއް) އައިސްފައި ނެތްކަމުގައި ވިޔަސް ކީދާނެ އެއްޗެއް ހެއްޔެވެ؟ މި އެންގުމުގައި އަޅުކަންކުރެވޭ އެއްޗަކީ އޭގެ މުރާދު ހެއްޔެވެ؟ ނުވަތަ ބެލެވޭނީ ސީދާ ލަފްޒަށް ހެއްޔެވެ؟...
ބެލެވުން ވަނީ އޭގެ މުރާދަށެވެ... މާނައަށެވެ! މާނައީ (މިޘާލަކަށް) "ﷲ ތިބާމެންނަށް ބަރަކާތް ލައްވާށި، ޞަފުތައް ސީދާކުރޭ، ޒައިދު ފަހަތަށް ޖެހިލާ، ޢަމްރު ކުރިއަށް ޖެހިލާ" —މިހެން އަހަރެންނަށް ބުނެ އެންގިދާނެއެވެ. އެކަމުން ޞަފު ސީދާވުމުގެ މަޤްޞަދު ޙާޞިލުވަންދެންނެވެ.
"އިސްތަވޫ" (ސީދާކުރޭ) މި ލަފްޒަކީ މި މަޤާމުގައި އެ ލަފްޒަކުން ސީދާ އަޅުކަންކުރެވޭ (ލަފްޒުން ލަފްޒަށް އެކަނި ކިޔަންޖެހޭ ފަދަ) ލަފްޒުތަކުގެ ތެރެއިންވާ އެއްޗެއް ނޫނެވެ. މިއީ(މިޘާލަކަށް ހެނދުނުގެ ޛިކުރު ތަކުގައި ހިމެނޭ) "سبحان الله وبحمده، عدد خلقه، ورضا نفسه، وزنة عرشه، ومداد كلماته" ފަދަ އެއްޗެއް ނޫނެވެ. ސާފުވެއްޖެ ހެއްޔެވެ؟
އަހަރެން މިވާހަކަ މިބުނީ، ބައެއް އަޚުންގެ ގާތުގައި (މިޘާލަކަށް) "اِسْتَقِيمُوا يَرْحَمُكُمُ اللَّهُ" (ސީދާވެތިބޭށޭ، ﷲ ތިބާމެންނަށް ރަޙްމަތް ލައްވާށިއޭ) މިކަމުގައި ބޭނުން ކޮށްފިނަނަ، ނުރުހި ބުނެއެވެ: "ތިއީ ބިދުޢައެކެވެ! ރަސޫލު عليه الصلاة والسلام ތިޔަހެނެއް ވިދާޅެއްނުވެއެވެ."
ފަހެ އަހަރެމެންގެ ބުނުމަކީ: މިކަންތަކުގައި ބެލެވޭނީ ކޮންކަމަކަށް ހެއްޔެވެ؟ މާނައަކީ، ބޭނުމަކީ ސަފު ސީދާކުރުމަށް ބާރުއެޅުމެވެ. (ވާޖިބަކީ މިއެވެ: ޞަފު ސީދާ ކުރުމެވެ. އަދި ސީދާ ނުވެ އޮތް ޞަފު ސީދާ ކުރުމަށް އެންގުމެވެ.) އަދި އަމުރުކުރެވޭ ލަފްޒުން ސީދާ އަޅުކަންކުރެވެނީ (އެ ލަފްޒެއް ލަފްޒުން ލަފްޒަށް ހިފަހައްޓަންޖެހެނީ) އެދަނޑިވަޅެއްގައި ބޭނުން ކުރުމަށް ވަކި ޚާއްޞަ ބަސްކޮޅެއް ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވާ ނަމައެވެ. (މިމައްސަލާގައި އެކަން އޮތީ އެހެންނެއް ނޫނެވެ.) ވީމާ އެނޫން އެހެން ލަފްޒެއްވެސް އެ މާނަ ދޭހަވާހެން ބޭނުން ކުރިޔަސް އެކަން ހުއްދައެވެ.
[މިއުޞޫލާއި ގުޅުން އޮތް މިޘާލެއް]
މިގޮތުން، އިއްޔެ އަހަރެމެން މިސްކިތެއްގައި ތިއްބައި، ނަމާދު ވަޤުތު ޖެހުމުން އަޚަކު ބަންގިގޮވަން ޤިބުލައަށް ސީދާވެ، މައިކު ނަގައިގެން ބަންގިގޮވަން ފެށިއެވެ. އެހިނދު ތިކުދިންގެ (ބައެއް ދަރަވަރުންނަށް މުޚާޠަބުކޮށް) ޤާހިރާއިން އައިސްއުޅޭ މެހުމާނަކު އަހަރެމެންގެ ގާތަށް އައިސް ބުންޏެވެ: "ކަލޭމެން ސުންނަތާ އެއްގޮތަށް ބަންގިނުގޮވަނީ ކީއްވެގެން ހެއްޔެވެ؟" އެހެންކަމުން އަހަރެންގެ ސަމާލުކަން އޭނާއަށް ދެވުނެވެ. ފަހެ އެމީހާ ފާޑުކިޔީ ދެކަމަކަށެވެ:
(ހ) އޭނާ ބުނެއެވެ: ކަލޭމެން ބަންގީގައި "ﷲ އަކުބަރު... ﷲ އަކުބަރު... ﷲ އަކުބަރު... ﷲ އަކުބަރު" މިހެން (ތަކްބީރުތައް) ވަކިވަކިން ނުކިޔައި، ގުޅުވައިގެން "ﷲ އަކުބަރު ﷲ އަކުބަރު، ﷲ އަކުބަރު ﷲ އަކުބަރު" މިހެން ކިޔަނީ ކީއްވެގެން ހެއްޔެވެ؟ (މީނާގެ) ނުކުތާ ސާފުވެއްޖެ ހެއްޔެވެ؟
(ށ) އަދި ދެވަނަ ފާޑުކިޔުމަކީ: ކަލޭމެން މިސްކިތުގެ ފުރާޅުމައްޗަށް (ޓެރަސްއަށް) އަރައި ބަންގިނުގޮވަނީ ކީއްވެގެން ހެއްޔެވެ؟ އެހެނީ ބިލާލުގެފާނު މިސްކިތުގެ ފުރާޅުމައްޗަށް އަރާވަޑައިގެން ބަންގިގޮއްވަވާ ކަމުގައި ވީތީއެވެ.
އަހަރެން (ޢަލްޢަދަވީ) އޭނާއަށް ޖަވާބުގައި ބުނީމެވެ:
ފުރަތަމަ ކަމަކީ، ފުރަތަމަ ނުކުތާއާ ބެހޭގޮތުންނެވެ: ބައެއް މީސްތަކުންގެ މެދުގައި ބަންގީގެ ތަކުބީރުތައް ވަކިވަކިކޮށް ކިޔުން ޢާއްމުވެފައި ވީނަމަވެސް، އަދި ބައެއް ޤައުމުތަކުގައި "ﷲ އަކުބަރު... ﷲ އަކުބަރު" މިހެން ވަކިވަކިން ކިޔުން ފެތުރިފައި ވީނަމަވެސް، އެންމެ ރަނގަޅު ގޮތަކީ އެ ދެ ތަކުބީރު ގުޅުވައިގެން ކިޔުމެވެ. (އެއީ ބަންގިއަށް ރައްދު ދޭން އޮތް ޙަދީޘުގައިވާ ފަދައިން) ބަންގިގޮވާ މީހާ "ﷲ-އަކުބަރު-ﷲ-އަކުބަރު" އޭ ކިޔައިފިނަމަ، ތިޔަބައިމީހުންވެސް "ﷲ-އަކުބަރު-ﷲ-އަކުބަރު" ކިޔާށޭ، އޮތްފަދައިން އެ ދެ ތަކުބީރު ޖޯޑުކުރުމެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބޭކަލުންތަކެއް މިކަން ފާހަގަ ކުރައްވާފައި ވެއެވެ. އޭގެ ތެރެއިން ޝައިޚް ނާޞިރު (އަލްއަލްބާނީ) —ރަޙިމަހުﷲ— އާއި ހަނދާންވާގޮތުން އިމާމު އައްނަވަވީ —ރަޙިމަހުﷲ— ހިމެނެއެވެ. ނަވަވީ އިމާމުގެ އަރިހުން ނަޤުލުވެފައިވާ ބަސްފުޅު އިތުރަށް ތަޙުޤީޤުކޮށްލަން(ކަށަވަރުކޮށްލަން) ޖެހެއެވެ.
މިސްކިތުގެ ފުރާޅުމައްޗަށް އެރުމާމެދު ދަންނައެ، ބެލެވޭނެ އަޞްލު މިންގަނޑަކީ އަޑުގެ ދުރުމިނަށެވެ (އަޑު ފޯރާ ހިސާބަށެވެ). ބެލެވޭނީ މިސްކިތުގެ ފުރާޅުމައްޗަށް ނުވަތަ އެތެރޭގައި ހުރުމަކަށް ނޫނެވެ. ސަބަބަކީ ބަންގިގޮވާ މީހާ މިސްކިތުގެ ފުރާޅުމައްޗަށް އަރަނީ، އޭނާގެ އަޑު އެންމެ ދުރަށް ފޯރުކޮށްދިނުމަށެވެ. އެހެންކަމުން، މިސްކިތުގެ އެތެރޭގައި އަރާމުގައި ރައްކާތެރިކަމާއެކު ހުރެގެން، އަހަރެންނަށް ވީ އެންމެ ދުރަށް އަޑު ފޯރުކޮށްދެވޭނެ މަގު ފަހިވެފައިވާނަމަ، އެކަމުގައި އަހަރެންގެ މައްޗަށް އެއްވެސް ގޯހެއް ނެތެވެ. އަދި ރަސޫލު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: (މާނަ) "ތިބާ ސަހަރާއެއްގައި ވަނިކޮށް ބަންގިގޮވާނަމަ، ތިބާގެ އަޑު އުފުލައި ބަންގިގޮވާށެވެ. ސަބަބަކީ ތިބާގެ އަޑު ފޯރާ ހިސާބެއްގައިވާ އިންސާނަކު އަދި ޖިންނިއަކު ވިޔަސް، ޤިޔާމަތް ދުވަހުން ތިބާއަށް ހެކިނުދީ ނުދާނެތީއެވެ." ފަހެ ބެލެވޭ އަޞްލު މިންގަނޑަކީ ކޮބައިހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން، އަޑު ފޯރުމެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ ޢަލްޢަދަވީ (ވީޑިއޯ)
ފައިދާއެއް:
އައްޝެއިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ: ”...ނަމަވެސް، އޭނާ (އިމާމު މީހާ) އެނބުރި ޞަފަށް ބަލާއިރު، ޞަފު ގާތުގާތުގައި، އަދި ހަމަހަމަކޮށް ސީދާވެފައިވާތަން ފެނިއްޖެ ނަމަ، "އިސްތަވޫ" (ސީދާވާށޭ) އިތުރަށް ބުނެ އަންގަން ޖެހޭ ހެއްޔެވެ؟ ނުވަތަ ބުނާން ނުޖެހޭނެ ހެއްޔެވެ؟ އަހަރެންނަށް ފާޅުވާ ގޮތަކީ އޭނާ (އެހިނދުގައި) އެހެން ބުނާން ނުޖެހޭނޭ ކަމެވެ. މާނައަކީ: މިޘާލަކަށް، އޭނާގެ ފަހަތުގައި ތިބީ އެންމެ ދެ މީހުން ކަމުގައިވެފައި، އެނބުރި ބަލާލިއިރު އެ ދެ މީހުން ތިބީ ހަމަހަމަކޮށް، ގާތުގާތުގައި، އަދި އެދެވިގެންވާ އެންމެ ފުރިހަމަ ގޮތުގައި ކަމަށްވާނަމަ، "އިސްތަވޫ" އޭ ބުނުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ މި ލަފްޒަކީ (އަދި ބަސްތަކަކީ) އެއަށް ޚާއްޞަ މާނައެއް އެކުލެވިގެންވާ ބަހެކެވެ. އަދި އެއީ ހަމައެކަނި ކިޔާލާ ބަސްތަކެއް ނޫނެވެ...“
— ނިމުނީ، އިތުރަށް ބަލައިހޯދުމަށް (މަޞްދަރު)