ބިސްމި އަކީ ފާތިޙާ ސޫރަތުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

2026-07-15 03:57

ބިސްމި އަކީ ފާތިޙާ ސޫރަތުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

ސުވާލު: މިއަޚާގެ ސުވާލަކީ البَسْمَلَةَ (ބިސްމި) އަކީ ފާތިޙާ ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯއެވެ؟

ޖަވާބު: މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ވެއެވެ. އިމާމް އައްޝާފިޢީ رحمه الله تعالى ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމި އަކީ ޤުރުއާނުގެ (އަލްފާތިޙާ ސޫރަތުގެ) އާޔަތެކެވެ. އެހެންކަމުން ޝާފިޢީ މަޛްހަބުގެ މީސްމީހުން ބިސްމި އަޑުފާޅުކޮށް ކިޔަވައެވެ. ޝާފިޢީ މަޛްހަބުގެ މީހުން ބިސްމި އަޑުފާޅުކޮށް ކިޔަވަނީ އެއީ ފާތިޙާ ސޫރަތުގެ ބައެއް ކަމަށްވާތީއެވެ.

ދެންފަހެ ބިސްމި އަކީ ފާތިޙާ ސޫރަތުގެ ބައެއް ކަމަށް ޤަބޫލުކުރާ މީހާ، އެއީ ޤުރުއާނުގެ އާޔަތަކަށް ވާތީ (ޖަހްރިއްޔަ ނަމާދުތަކުގައި ފާތިޙާ ސޫރަތް ފެށުމުގައި ބިސްމި ވެސް) އަޑުފާޅުކޮށް ކިޔަންޖެހެއެވެ. ފަހެ، ފާޅުކޮށް ނުކިޔަވައި އާޔަތެއް ދޫކޮށްލާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެ އަޑުއިވޭނޭހެން އަޑުފާޅުކޮށް ކިޔެވުން އެދެވިގެންވެއެވެ. އަދި މިއީ އިމާމް އައްޝާފިޢީ رحمه الله تعالى ގެ މަޛްހަބެވެ.

އަދި މިއީ އަބޫ ހުރައިރަތުގެފާނު އަރިހުން ޘާބިތުވެފައިވާ ގޮތެވެ. އެކަލޭގެފާނުގެ އަރިހުން ޘާބިތުވެފައިވާ ގޮތުގައި އެކަލޭގެފާނު ވިދާޅުވިއޭ: «إذا قرأتم الفاتحة فاقرؤوا بسم الله الرحمن الرحيم، فإن إحدى آياتها»"ތިޔަބައިމީހުން ފާތިޙާ ސޫރަތް ކިޔަވާނަމަ بسم الله الرحمن الرحيم ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އެއީ އެ ސޫރަތުގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ."

އަދި އައްދާރަޤުޠުނީ އާއި އެނޫންވެސް ފޮތްތަކުގައި ރިވާވެގެންވާ އަބޫ ހުރައިރާ رضي الله عنه ގެ މި ރިވާޔަތަކީ އޭގެ ސަނަދު ޞައްޙަ ރިވާޔަތެކެވެ. އަދި ނަބިއްޔު صلى الله عليه وسلم އާ ހަމައަށް މަރްފޫޢުކޮށްވެސް (ޙަދީޘް ފުޅެއްގެ ގޮތުގައި އިތުރުއެކަލޭގެފާނަށް ނިސްބަތްކޮށް) މި ރިވާޔަތް ވާރިދުވެފައި ވެއެވެ. ނަމަވެސް އެ މަރްފޫޢު ރިވާޔަތަކީ ޢިއްލަތް ހުރި (ހާމަނޫން ބަލިކަށިކަމެއް ހިމެނޭ) ރިވާޔަތެކެވެ. އަދި ޞައްޙަ ގޮތަކީ އެއީ އަބޫ ހުރައިރާ رضي الله عنه ގެ ބަސްފުޅެއްގެ ގޮތުގައި (މައުޤޫފުކޮށް) އޮތް އޮތުމެވެ.

އެހެންކަމުން ޝާފިޢީ މަޛްހަބުގެ ބޭފުޅުން (މިގޮތަށް ދެކެއެވެ.) އަދި އަޖައިބަކީ މިހާރު (ޙަންބަލީ މަޛުހަބުގެ ސަޢޫދީ ޢަރަބިއްޔާގައި ޗާޕު ކުރެވިފައިވާ) މުޞްޙަފްތަކުގައި މިކަން ކަނޑައެޅިފައި އޮތް ގޮތަކީވެސް މިއީ ކަމެވެ. (އެއީ ޙަފްޞް ޢަން ޢާޞިމް ގެ ރިވާޔަތުގެ މައްޗަށް ބިސްމި އަކީ އާޔަތެއް ގޮތުގައި ލިޔެވުމެވެ. ނަމަވެސް އިމާމް އަޙުމަދުގެ ދެރައުޔުން އިބްނު ޤުދާމާ ނަޤުދުކުރައްވައި، ހަންބަލީ ޢިލްމުވެރިން ތެރޭގައި ތާޢީދުއޮތް ރައުޔު ކަމުގައި އެކަލޭގެފާނު ވިދާޅުވީ އެއީ އާޔަތެއް ކަމުގައި އަދަދު ނުވުމެވެ.)

﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾ [ގިނަ ރިވާޔަތް ތަކުގައި] މިއީ [އަދަދު ކުރުމުގައި ވަކި] އާޔަތެކެވެ.

އެހެނަސް ޙަފްޞް ޢަން ޢާޞިމް ރިވާޔަތުގައި] ﴿صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾

މިއީ [އެއްކޮށް އޮންނަ] އެއް އާޔަތެވެ.

މިއީ بسم الله الرحمن الرحيم އަކީ އާޔަތެއް ކަމުގައި ހަދާތީއެވެ. (އެގޮތުން ދެ ރޯވާޔަތުގައި ވެސް ފާތިޙާ ސޫރަތުގެ އާޔަތް ތަކުގެ ޖުމްލަ އަދަދަކީ 7 ކެވެ.)

މި މައްސަލައިގައިވާ ދެވަނަ ބަހަކީ، އަދި ޖުމްހޫރުންގެ ބަހަކީ، ބިސްމި އަކީ ފާތިޙާ ސޫރަތުގެ ބައެއް ނޫން ކަމެވެ. އަދި އެއީ ޤުރުއާނުގެ އާޔަތެއް ވެސް ނޫންކަމުގައޭ، އެހެނަސް ނަމްލު ސޫރަތުގައި (އޭގެ މެދުތެރޭގައި) އައިސްފައި އޮތް އައުން ފިޔަވައެވެ:

﴿إِنَّهُۥ مِن سُلَيۡمَٰنَ وَإِنَّهُۥ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ (27:30)

އަދި މިކަމުގެ ދަލީލަކީ އިމާމް މުސްލިމް ގެ ޞާޙީޙު ގައި ނަބިއްޔު صلى الله عليه وسلم ގެ އަރިހުން ރިވާވެގެން އައިސްފައިވާ (ޤުދުސީ) ޙަދީޘެވެ:

«قَالَ اللَّهُ تَعَالَى قَسَمْتُ الصَّلاَةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ وَلِعَبْدِي مَا سَأَلَ فَإِذَا قَالَ الْعَبْدُ ‏‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}...» ((ﷲ تعالى ވަޙީކުރެއްވިއޭ "ތިމަންރަސްކަލާނގެ ނަމާދު (އެބަހީ ފާތިޙާ ސޫރަތް) ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާއި ދެމެދު ދެބަޔަށް ބައްސަވައިލެއްވީމެވެ. ފަހެ، އަޅާ ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏﴾ކިޔާހިނދު...))

އަދި بسم الله الرحمن الرحيم އެތާކު ޛިކުރު ކުރައްވާފައެއް ނުވެއެވެ. އަދި ވަޙީކުރެއްވިއެވެ "ތިމަންރަސްކަލާނގެ ނަމާދު ތިމަންރަސްކަލާނގެއާއި ތިމަންރަސްކަލާނގެ އަޅާއާއި ދެމެދު ދެބަޔަށް ބައްސަވައިލެއްވީމެވެ." (ދެން ބިސްމި ފިޔަވައި މުޅި އެސޫރަތް ޛިކުރު ކުރެވުނެވެ.) އަދި ޙަދީޘްގެ ނިމުމުގައިވެއެވެ: "މިއީ ތިމަންރަސްކަލާނގެއަށެވެ. އަދި ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދުނު ކަމެއްވެއެވެ." (މިޙަދީޘް އެއްކޮށް ކިޔައިލުމަށް)

އަދި މިއީ ބިސްމި އަކީ ފާތިޙާ ސޫރަތުގެ ބައެއް ނޫންކަމުގެ މައްޗަށް އޮތް ވަރުގަދަ ދަލީލެކެވެ. ސަބަބަކީ އެއީ ފާތިޙާ ސޫރަތުގެ ބައެއް ކަމުގައިވީނަމަ، އެއިލާހު އެ (އާޔަތް) ޛިކުރުކުރައްވައި އެ މަޤާމުގައި އެކަން ކަނޑައަޅުއްވައި ފާހަގަކުރެއްވީހެވެ.

އަދި މި ޤަޥްލު ގަބޫލުކުރައްވާ ބޭފުޅުން ވިދާޅުވަނީ، ﴿صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ﴾ މިއީ ވަކިން އާޔަތެއް ކަމުގައެވެ. މިތަނަށް ހުއްޓާށެވެ. ﴿صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ﴾ އަށް ހުއްޓުމަށްފަހު، ދެން ﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾ ކިޔާނީއެވެ. (އެގޮތުން ބިސްމި އާއި ނުލައިވެސް) މިއީ ހަތްވަނަ އާޔަތެވެ. ހަތްވަނަ އާޔަތަކީ ﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾ އެވެ.

އަދި ޞައްޙަ ގޮތަކީ މިއީއެވެ. ހަމަކަށަވަރުން ބިސްމި އަކީ ފާތިޙާ ސޫރަތުގެ އާޔަތެއް ނޫނެވެ. ނަމަވެސް، ޝާފިޢީ މަޛްހަބުގެ ބޭފުޅުން ފަދައިން އެއީ އާޔަތެއް ކަމަށް ޤަބޫލުކޮށް ބުނާ މީހާ، ހިމޭނުން ހުރުމުގެ ބަދަލުގައި އެ ފާޅުކޮށްކިޔަވަންޖެހޭނެއެވެ.

އަދި ބިސްމި ފާތިޙާ ސޫރަތާ ވަކިން މިނިވަންކޮށް ލިޔެވިފައި އޮތަސް (ނުވަތަ އެއްކުރެވިފައި އޮތަސް) އޭގައި ހަތް އާޔަތް ޛިކުރުކުރެވުން ލާޒިމުވެގެންވެއެވެ. ސަބަބަކީ ޢިލްމުވެރިންގެ މެދުގައި އެއްވެސް އަރައިރުމެއް އަދި ދެބަސްވުމެއްނެތި ފާތިޙާ ސޫރަތަކީ ހަތް އާޔަތް ކަމަށްވާތީއެވެ. ނަމަވެސް މި ހަތް އާޔަތް ބެހިގެންވާ ގޮތާއި މެދު ޚިލާފުވެފައިވެއެވެ.

﴿وَلَقَدۡ ءَاتَيۡنَٰكَ سَبۡعٗا مِّنَ ٱلۡمَثَانِي وَٱلۡقُرۡءَانَ ٱلۡعَظِيمَ﴾ (15:87)

((އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِى (ތަކުރާރުކޮށް ކިޔެވޭ 7 އާޔަތް)އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ.))

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެ ހަތް އާޔަތަކީ ފާތިޙާ ސޫރަތެވެ. އެހެންކަމުން ޖުމްހޫރު ޢިލްމުވެރިންގެ ބަހާ އެއްގޮތަށް އާޔަތްތައް ތަރުތީބުކުރެވިފައި ހުރުން ލާޒިމުވެއެވެ. އެއީ ﴿صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ﴾ މިއީ އާޔަތެއް ކަމުގައެވެ. އަދި ﴿غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ﴾ މިއީ ހަތްވަނަ އާޔަތް ކަމުގައެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)

~ ގަލަންދާނު

ފައިދާއެއް: ލިޔުމާއި ގުޅުން ހުރި މައުޟޫޢެއް: "10 ޤިރާއަތާއި އެރިވާކުރެއްވި ބޭކަލުން" (އިންފޯގުރެފިކް)