ޝައްކުއުފެދޭ ނުވަތަ ޙަރާމް ވަސީލަތްތަކުން އާމްދަނީ ހޯދާފައިވާ މީހެއްގެ މުދަލުން މަންފާއެއް ލިބިގަތުމުގެ ޙުކުމް

2026-07-23 06:42

ޝައްކުއުފެދޭ ނުވަތަ ޙަރާމް ވަސީލަތްތަކުން އާމްދަނީ ހޯދާފައިވާ މީހެއްގެ މުދަލުން މަންފާއެއް ލިބިގަތުމުގެ ޙުކުމް

بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين.

ފުރަތަމަ ފަތުވާ

ސުވާލު:

އެމީހެއްްގެ އާމްދަނީއަކީ ޙަރާމް އެއްޗެއް ކަމަށް ހީވާ މީހެއްގެ އަތުން ފައިސާއެއް ހޯދުން ހުއްދަވެގެންވޭ ހެއްޔެވެ؟

ޖަވާބު:

އެމީހާ ހޯދާ އާމްދަނީއަށް ބަލަންޖެހެއެވެ. އޭނާގެ ފައިސާއަކީ އޭގެ ޒާތުގައި ޙަރާމް އެއްޗެއް ހެއްޔެވެ؟ —މިޘާލަކަށް: ވައްކަންކޮށްފައިވާ ނުވަތަ ފޭރިގެންފައިވާ އެއްޗެއް ހެއްޔެވެ؟ — ނުވަތަ އެ ފައިސާ ހޯދި ގޮތުގެ ސަބަބުން ޙަރާމްވެފައިވާ އެއްޗެއް ހެއްޔެވެ؟ —މިޘާލަކަށް: ރިބާގެ މުޢާމަލާތް ކުރުން، ނުވަތަ ވިޔަފާރީގައި ފޮރުވިފައިވާ އޮޅުވާލުން ފަދަ ކަންކަން އެކުލަވައިލައިގެން ހޯދާފައިވާ އެއްޗެއް ހެއްޔެވެ؟

1. ފުރަތަމަ ބާވަތް (އޭގެ ޒާތުގައި ޙަރާމްވެފައިވާ އާމްދަނީ):

މިސާލަކަށް ވައްކަންކޮށްފައިވާ ފައިސާ ފަދަ ތަކެއްޗެވެ. މިއިން އެއްވެސް މިންވަރެއް ނެގުން މުޠުލަޤުކޮށް (އެއްވެސް ޙާލެއްގައި) ހުއްދައެއް ނޫނެވެ. އެއީ (އެއެއްޗެއް ހުރި މީހާގެ އަތުން) ގަނެގެން ކަމުގައިވިޔަސް، ހަދިޔާއެއްގެ ގޮތުގައި ކަމުގައިވިޔަސް، ނުވަތަ އެނޫން ގޮތަކުން ކަމުގައިވިޔަސްމެއެވެ.

ޙާފިޡު އިބްނު ރަޖަބު އެކަލޭގެފާނުގެ "جامع العلوم والحكم" ގައި ވިދާޅުވެފައިވެއެވެ: "އެއްޗެއްގެ ޒާތު ޙަރާމްކަން އެނގިއްޖެ ހިނދެއްގައި ނުވަތަ އެ އެއްޗެއް ހޯދާފައިވަނީ ޙަރާމް ގޮތެއްގައިކަން އެނގިއްޖެ ހިނދެއްގައި، އެ ބޭނުންކުރުން ވެސް ޙަރާމްވެގެންވެއެވެ. އަދި މިކަމުގެ މައްޗަށް އިޖުމާޢުވެފައިވާކަން އިބްނު ޢަބްދިލްބައްރާއި އެނޫން ބޭކަލުންވެސް ނަޤުލުކުރައްވާފައިވެއެވެ." — އެކަލޭގެފާނު رحمه الله ގެ ބަސްކޮޅު މިހިސާބަށް، ނިމުނީ.

2. ދެވަނަ ބާވަތް (ފައިސާ ހޯދި ގޮތުގެ ސަބަބުން ޙަރާމްވެފައިވާ އާމްދަނީ):

މިފަދަ ފައިސާ ޝަރުޢީގޮތުން ހުއްދަ މަގަކުން (މިޘާލަކަށް: ވިޔަފާރީގެ މުޢާމަލާތެއް ނުވަތަ ހަދިޔާއެއްގެ ގޮތުގައި) ލިބިއްޖެނަމަ، އޭގައި މައްސަލައެއް (ފާފައެއް) ނެތެވެ. އެހެންނަމަވެސް، ވަރަޢަވެރިވުމުގެ ގޮތުން (އެބަހީ ދީންވެރި ފޭރާމުގެ ފަސްބައި ސާފުކޮށްފައި ބެހެއްޓުމުގެ ގޮތުން) އަދި އެޢަމަލުތަކަށް ޒަޖުރު ކުރުމަށް (އެބަހީ؛ ހިތްނުރުހުމާއި އިންކާރު ފާޅުކުރުމަށް) އެފަދަ ޙާލަތްތަކުގައި ހުންނަ މީހުންނާއެކު މުޢާމަލާތް ކުރުން ދޫކޮށްލުން މޮޅު އިތުރުވެގެންވެއެވެ. (އެކަމުގެ އަޞްލު ހުއްދަވިއެއް ކަމަކުއެވެ.)

(މިމައްސަލައަށް ހެކިދޭ ކަންކަމުގެ ތެރެއިން) ނަބިއްޔު ﷺ ޔަހޫދީންގެ މުދަލުން ފަރިއްކުޅުއްވިކަން ޞައްޙަ މަގުން ޘާބިތުވެއެވެ. އެބައިމީހުންނަކީ ރިބާ ކެއުމާއި ޙަރާމް މުދާ ކެއުމުގައި މަޝްހޫރު ބައެކެވެ. މީގެ ތެރެއިން ޚައިބަރު ހަނގުރާމައިގެ ދުވަހު، ޔަހޫދީ އަންހެނަކު އެކަލޭގެފާނަށް ﷺ ވިހަލާފައިވާ ކަންބަޅިބަކަރިއެއް ހަދިޔާކުރިއެވެ. ފަހެ، އެކަލޭގެފާނު އޭގެއިން ފަރިއްކުޅުއްވިއެވެ. ނަމަވެސް ކަނޑައެޅިގެންވާ ވަގުތަކާ ހަމައަށް ﷲ އެކަލޭގެފާނު އެ ވިހައިން ސަލާމަތްކުރެއްވިއެވެ. އަދި އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ޞައްޙަ މަގުން ރިވާވެގެންވެއެވެ: ރިބާ ކާ އަވަށްޓެރިއަކު ހުރެފައި، އޭނާގެ ކެއުމަކަށް ދަޢުވަތު ދިނުމުން ކަންތައް ކުރާނެ ގޮތަކާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ: "އޭނާގެ ދަޢުވަތު ޤަބޫލުކުރާށެވެ. ފަހެ، އޭގެ ހެޔޮލަފާކަން (އުފަލާއި އަރާމު) ވަނީ ތިޔަބައިމީހުންނަށެވެ. އަދި އޭގެ ފާފަ ވަނީ އޭނާގެ މައްޗަށެވެ."

އިބްނު ރަޖަބު، އައްޒުހުރީ އާއި މަކްޙޫލްގެ އަރިހުން ނަޤުލުކުރައްވާފައިވެއެވެ. އެ ދެބޭކަލުން ވިދާޅުވިއެވެ: "އޭގެ ޒާތުގައި ޙަރާމް އެއްޗެއްކަން ނޭނގޭހާ ހިނދަކު، އޭގެއިން ކެއުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އަދި އޭނާގެ މުދަލުގައި އޭގެ ޒާތުގައި ޙަރާމް އެއްޗެއް ހުރިކަން ނޭނގި އެހެނަސް އޭގައި ޝުބުހަ (ޝައްކު އުފެދޭ ކަންތައްތަކެއް) އެކުލެވޭކަން އެނގުނަސް، (މިޙާލުގައިވެސް) އޭގެއިން ކެއުމަކުން ގޯހެއް ނެތެވެ."

والله تعالى أعلم.

— އައްޝެއިޚް އަބޫ މުޙައްމަދު އަލްމަޞްރީ

ފަތާވާ ޢަބްރަލް އަޘީރު ((ފަތުވާ ނަންބަރު 1009 ))

~ ގަލަންދާނު

ދެވަނަ ފަތުވާ

ޝައްކުއުފެދޭ ނުވަތަ ޙަރާމް ވަސީލަތްތަކުން އާމްދަނީ ހޯދާފައިވާ ބައްޕައެއްގެ އާމްދަނީ އިން މަންފާލިބިގަތުމާ ބެހޭގޮތުން؟ (ސުވާލު ނަންބަރު: 1379)

بسم الله الرحمن الرحيم السلام عليكم و رحمة الله,

އަހަރެންނަކީ ކައިވެނިކޮށްގެން އުޅޭ، ވަޒީފާއެއް ނެތް މުސްލިމް ޒުވާނަކީމެވެ. އަހަރެންނަށް ޚަރަދުކޮށް ބަލަހައްޓަނީ... އަހަރެންގެ ބައްޕައެވެ. ...ބައްޕަ ވިޔަފާރިއެއް ފަށާފައިވަނީ މީހުންނަށް އޮޅުވާލައިގެން (މަކަރު ހަދައިގެން) ހޯދާފައިވާ ފައިސާގެ ބައެއް އޭގެ ތެރޭގައި ބޭނުންކޮށްގެންނެވެ. އަދި ބައެއް ފަހަރު އަހަރެން (ބައްޕަގެ) ވިޔަފާރީގައި އެހީތެރިވަމެވެ. އަދި (ސަރުކާރު ވަޒީފާއި ރިޓަޔަރ ކުރުމުގެ ކުރިން) ވަޒީފާގައި އުޅުނު މުއްދަތުގައި ރިބާގެ ބޭންކުތަކާއެކު މުޢާމަލާތް ކޮށްފައިވެސް ވެއެވެ. އަދި މިހާރުވެސް ދަނީ އެއަށް ދަރަނި ދައްކަމުންނެވެ.

އަހަރެން މިހުރީ މިކަމުގައި ހަދާނޭ ނުހަދޭނެ ގޮތެއް ނޭނގިފައެވެ. ފަހެ މި ޙާލަތުގައި ޝަރުޢީ ޙުކުމަކީ ކޮބައިހެއްޔެވެ؟ بارك الله فيكم.

ސުވާލުކުރި ފަރާތް: alq3ed

ޖަވާބުދިން ފަރާތް: އަލްމިންބަރުގެ ޝަރުޢީ ކޮމިޓީ:

وعليكم السلام ورحمة الله وبركاته..

ސުވާލުކުރި ލޮބުވެތި އަޚާއެވެ: ﷲ ތިބާގެ ރައްކާތެރިކަމާއި ވަރަޢަވެރިކަން އިތުރުކުރައްވާށިއެވެ. އަދި ތިބާ ހީވެސް ނުކުރާފަދަ ގޮތްގޮތުން ތިބާއަށް ރިޒުޤު ތަނަވަސް ކުރައްވާށިއެވެ..

ބައްޕައެއް ނުވަތަ ފިރިއަކު ޝަރުޢީގޮތުން ހުއްދަނޫން މަސައްކަތެއް ކުރާކަމުގައި ވިޔަސް، ދަރިންނަށް ނުވަތަ އަނބިންނަށް އޭނާގެ މުދަލުން ނެގުމަކުން ގޯހެއް ނެތެވެ. ސަބަބަކީ އެ މުދާ އެބައިމީހުންނަށް ލިބިފައިވަނީ ޝަރުޢީގޮތުން ހުއްދަ މަގަކުންނެވެ. އެއީ (ޝަރުޢީ ގޮތުން އެވެރިންނަށް ލިބުން ޙައްޤުވެގެންވާ) "ޚަރަދު" ގެ ގޮތުގައި ނުވަތަ "ހަދިޔާ" ގެ ގޮތުގައެވެ.

ސަބަބަކީ، މުދަލަކީ—އޭގެ ޒާތުގައި ޙަރާމްނޫން އެއްޗެއް ނަމަ— (ދެވަނަ ފަރާތުގެ މައްޗަށް) އޭގެ ޙުކުމް ބަދަލުވެގެންދެއެވެ. ފަހެ، އެ މުދާ ހޯދި ބައްޕައަށް ނުވަތަ ފިރިމީހާއަށް އެ ޙަރާމްވަނީ އޭނާ އެ ހޯދީ ޝަރުޢީގޮތުން ހުއްދަނޫން މަގަކުން ކަމަށްވާތީއެވެ.. ނަމަވެސް ދަރިންނަށާއި އަނބިންނަށް އެ ހުއްދަވަނީ އެބައިމީހުންނަށް އެ ލިބުނީ ޝަރުޢީގޮތުން ހުއްދަ މަގަކުން ކަމަށްވާތީއެވެ.

އަދި މީގެ ދަލީލަކީ ދެ އިމާމުން (އަލްބުޚާރީ އާއި މުސްލިމް) އެބޭކަލުންގެ ޞަޙީޙްގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެވެ. ބަރީރާ(އޭ ކިޔުނު އަޅުއަންހެނާ) މިނިވަންކުރުމަށްޓަކައި ބައްލަވައިގަންނަވަން އެކަމަނާ އެދިވަޑައިގަތެވެ. (އަދި އެޙާދީޘާގައި) އެކަނބުލޭގެ ސާހިބުން ބޭނުންވީ އެކަނބުލޭގެ މިނިވަންވުމަށް ފަހު އޮންނަ ވަލާޢު (މިނިވަންކުރުމުގެ ޙައްޤު) އެބައިމީހުންނަށް ލިބޭގޮތަށް ޝަރުޠުކުރާށެވެ. (މިއީ އަޅަކު މިނިވަން ކުރާ ފަރާތަށް ވަކި ޙާލަތްތަކެއްގައި މަންފާޢު ކުރާނޭ ހެން ވާރުތަމުދަލާއި ލޭގެދިޔައިގައި ޝާމިލުވުމުގެ މައްޗަށް އޮންނަ ޝަރުޢީ ގުޅުމެކެވެ.) ފަހެ ޢާއިޝާގެފާނު މި ވާހަކަ ނަބިއްޔު ﷺ އަށް ދެންނެވުމުން، ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ: «اشتريها فإنما الولاء لمن عتق» ((އޭނާ ބައްލަވައިގަންނަވާށެވެ، ފަހެ ވަލާޢުވަނީ ހަމަކަށަވަރުން މިނިވަންކުރި މީހަކަށެވެ.)) އެކަމަނާ އިތުރަށް ވިދާޅުވިއެވެ: އަދި ނަބިއްޔު ﷺ ގެ އަރިހަށް (އެއްގަމު މަހުގެ) މަސްކޮޅެއް ގެނެވުނެވެ. ފަހެ ތިމަންކަމަނާ ދެންނެވީމެވެ، މިއީ ބަރީރާއަށް ޞަދަޤާތުގެ ގޮތުގައި ލިބުނު އެއްޗެކެވެ. (އެއިން ތިމަންކަމަނާމޭންނަށް ދެވުނި އެއްޗެކެވެ.) ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: «هو عليها صدقة وهو لنا هدية» ((އެއީ އެކަނބުލޭގެއަށް ޞަދަޤާތެކެވެ. އަދި އަހަރެމެންނަށް ހަދިޔާއެކެވެ.))

އަދި އެ ދެބޭކަލުންގެ އެހެން ރިވާޔަތެއްގައި އަނަސް رضي الله عنه ގެ އަރިހުނ އައިސްފައިވެއެވެ، ހަމަކަށަވަރުން ނަބިއްޔު ﷺ ގެ އަރިހަށް ބަރީރާއަށް ޞަދަޤާތްކުރެވުނު (މަސްތަކުން ދެވުނު) މަސްކޮޅެއް ގެނެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: «هو عليها صدقة وهو لنا هدية» ((އެއީ އެކަނބުލޭގެ މައްޗަށް (ލިބުނު) ޞަދަޤާތެކެވެ. އަދި އެއީ އަހަރެމެންނަށް ހަދިޔާއެކެވެ.))

(މީގެން ނެރެވޭ ދަލީލު)

ފަހެ، ނަބިއްޔު ﷺ ގެ މައްޗަށް ޞަދަޤާތްވަނީ ޙަރާމްކުރެވިގެންނެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އައިސްފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

كان رسول الله صلى الله عليه وسلم إذا أتي بطعام سأل عنه (أهدية أم صدقة؟) . فإن قيل صدقة. قال لأصحابه: (كلوا) . ولم يأكل وإن قيل هدية ضرب بيده صلى الله عليه وسلم فأكل معهم

ރަސޫލު ﷲ ﷺ ގެ އަރިހަށް ކާއެއްޗެއް ގެނެވިއްޖެނަމަ އެއާ ބެހޭގޮތުން ސުވާލުކުރައްވައެވެ: ((އެއީ ހަދިޔާއެއް ހެއްޔެވެ؟ ނުވަތަ ޞަދަޤާތެއް ހެއްޔެވެ؟)) ފަހެ އެއީ ޞަދަޤާތެއް ކަމަށް ބުނެވިއްޖެނަމަ، އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘްކުރައްވައެވެ: ((ތިޔަބައިމީހުން ކާށެވެ.)) އަދި އެކަލޭގެފާނު އެއިން ފަރިއްނުކުޅުއްވައެވެ. އަދި އެއީ ހަދިޔާއެއް ކަމަށް ބުނެވިއްޖެނަމަ، އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރައްވައި އެބޭކަލުންނާއެކު ފަރިއްކުޅުއްވައެވެ. [މުއްތަފަޤުން ޢަލައިހި].

ނަމަވެސް، ބަރީރާއަށް އެ ކާއެއްޗެހި ޞަދަޤާތްކުރެވުމަށްފަހު، ނަބިއްޔު ﷺ އޭގެއިން ފަރިއްކުޅުއްވުމުން ދޭހަވަނީ މުދަލުގެ ޙުކުމް ބަދަލުވާކަމުގެ ސާފު ހެއްކެކެވެ. ފަހެ، އެއީ ބަރީރާއަށް ޞަދަޤާތްކުރި މީހާގެ ފަރާތުން ޞަދަޤާތެކެވެ. އަދި ނަބިއްޔު ﷺ އަށް އެއީ ބަރީރާގެ ފަރާތުން ހަދިޔާއެކެވެ. އަދި އިމާމް ބުޚާރީ رحمه الله، ބަރީރާގެ ވާހަކައިގެ ޙަދީޘްގެ މައްޗަށް ބާބެއް ކަނޑައަޅުއްވާފައި ވަނީ: ބާބު: "ޞަދަޤާތް ⌝އެހެން ޙުކުމަކަށް⌜ ބަދަލުވާހިނދު" މިހެންނެވެ.

މިއީ (މިކަމުގެ މައްޗަށް ޙުކުމުގެ ގޮތުން) އޮތް ޢަސާސެވެ. މިއާއި އެކުވެސް، ސުވާލުކުރި ފަރާތް އަމިއްލައަށް މަސައްކަތްކޮށް ހޯދާ ޙަލާލު އާމްދަނީއަކުން އަމިއްލަ ނަފްސަށާއި، އަނބިމީހާއަށާއި ދަރިންނަށް ޚަރަދުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އަހަރެމެން މާ ލޯބިކުރަމެވެ. އެއީ ޝައްކުއުފެދޭ އާމްދަނީއަށް ފަރުވާލެއް ނުބަހައްޓާ އޭނާގެ ބައްޕަގެ މައްޗަށް ބަރޯސާވެފައި ހުންނަ މީހަކަށް ނުވުމަށާއި، އަދި މިބާވަތުގެ އާމްދަނީ ހޯދުމުގައި އޭނާއަށް އެހީތެރިވުމުގެ ތެރެއަށް ނުވަނުމަށެވެ. އަދި މާތްﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

ޖަވާބުދެއްވީ، މިންބަރުއް ތަޥްޙީދުގެ ޝަރުޢީ ކޮމިޓީގެ މެންބަރު:

— އައްޝެއިޚް އަބޫ ހުމާމު ބަކުރު ބުނު ޢަބްދުލްޢަޒީޒު އަލްއަޘަރީ (ތުރުކީ އަލްބިންޢަލީ) (މަޞްދަރު)

~ ގަލަންދާނު