އެންމެ ނުބައިކަން ބޮޑު ކާނާ: ކައިވެނީގެ ވަލީމާ ގައި އިސްކަންދޭ މީހުންނަކީ ހަމައެކަނި ޖާހާއި ޢިއްޒަތާއި މުއްސަނދި ކަން ހުރި މީހުން ކަމުގައި ނުހެދުން
އައްނަވަވީ "ރިޔާޟުއް ޞާލިޙީން" ގައި ބާބު ކުރެއްވިއެވެ:
ޔަތީމުންނާއި، އަންހެން ދަރިންނާއި، އެނޫންވެސް އެންމެހައި ނިކަމެތިންނާއި، މިސްކީނުންނާއި، ހިތްދަތިވެފައިވާ މީހުންނަށް އޯގާތެރިވުމާއި، އެބައިމީހުންނަށް ހެޔޮކޮށް ހިތުމާއި، ހަމްދަރުދީވުމާއި، އެބައިމީހުންގެ ކުރިމަތީގައި ތަވާޟުޢުވެރިވުމާއި އަދި އެބައިމީހުންނަށް މަޑުމައިތިރިވެ އޯގާތެރިވުމުގެ ބާބު
ދެން ގެންނެވިއެވެ:
އެކަލޭގެފާނުގެ (އަބޫ ހުރައިރާ) އަރިހުން އަދިވެސް ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ.
«شَرُّ الطَّعَامِ طَعَامُ الْوَلِيمَةِ ، يُمْنَعُهَا مَنْ يَأْتِيهَا ، وَيُدْعَى إِلَيْهَا مَنْ يَأْبَاهَا ، وَمَنْ لَمْ يُجِبِ الدَّعْوَةَ ، فَقَدْ عَصَى اللهَ وَرَسُولَهُ»
((ކާބޯތަކެތިން އެންމެ ނުބައިކަންބޮޑު ކާނާ އަކީ، (ކައިވަނީގެ) ވަލީމާގެ ކެއުމެވެ. (އެއީ) އެއަށް ބޭނުންވެގެން އަންނަ (ނިކަމެތި) މީހުން އެއިން މަނާކުރެވޭ، އަދި އެއަށް ބޭނުމެއްނުވާ (ތަނަވަސްކަމުގެ) އަހުލުންނަށް އެއަށް ދަޢުވަތުދެވޭ (ވަލީމާގެ) ކޭން ތަކެވެ. އަދި (ދަންނާށެވެ) ދަޢުވަތަށް އިޖާބަނުދީފި މީހާއިީ، ﷲ އާއި އެއެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވެ އުރެދިއްޖެމީހެކެވެ.))
އަދި އަލްބުޚާރީ އާއި މުސްލިމުގައިވާ، އަބޫހުރައިރާ رَضِيَ ٱللَّٰهُ عَنْهُ ގެ އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައިވެއެވެ. (އަބޫ ހުރައިރާ ވިދާޅުވިޔޭ) «އެންމެ ނުބައިކަން ބޮޑު ކެއުމަކީ ވަލީމާގެ ކެއުމެވެ. (އެއީ) އެކެއުމަށް މުއްސަނދީންނަށް ދަޢުވަތުދެވޭ، އަދި އެއިން ފަޤީރުން (ނިކަމެތިން) ދުރުކުރެވޭ ކެއުމެވެ.»
ތަފްޞީލު
'ވަލީމާ' މި ބަސް އާންމުކޮށް ބޭނުންކުރެވެނީ ކައިވެނީގެ ޙަފްލާގައި ދެވޭ ކެއުމަށެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތަކުން 'ވަލީމާ' ގެ މާނަ ތަނަވަސްކުރައްވައި، މީސްތަކުންގެ ޢުރްފު (އާދަކާދަ) ގައި މީހުންނަށް ދަޢުވަތު ދީގެން ބާއްވާ އެކިއެކި "މުނާސަބަތު" ތަކާއި ވިދިގެން ދެވޭ ކެއުންތަކަށް—އެއީ ޚިތާނުކުރުމާއި، އެނޫންވެސް އުފާވެރި ޙާދިޘާތަކުގައި ބާއްވާ ކެއުންތައް، 'ވަލީމާ' ގެ މާނައިގެތެރޭގައި ޝާމިލު ކުރެއްވިއެވެ.
އެހެންކަމުން «ކާބޯތަކެތިން އެންމެ ނުބައި ކާނާ އަކީ ވަލީމާގެ ކެއުމޭ» — މިޤަޥްލުގެ ތެރެއަށް ފުރަތަމަ އެއްޗަކަށް ކައިވެނީގެ ވަލީމާ ޢިލްމުވެރިންގެ އިއްތިފާޤުން ވަދެއެވެ.
އަދި «ކާބޯތަކެތިން އެންމެ ނުބައި ކާނާއޭ» އޮތް ބަސްފުޅުން ކުށްވެރިކުރެވެނީ ކެއުމުގެ ވެރިފަރާތަށެވެ (ވަލީމާ ބާއްވާ މީހާއަށެވެ). އޭގެ ޒާތުގައި އެ ކެއުމަކަށް ނޫނެވެ. ސަބަބަކީ އެކާނާ އަކީ އޭގެ ޒާތުގައި ﷲ ޙަލާލުކުރައްވާފައިވާ، ރަނގަޅު ތާހިރު ތަކެތީގެ ތެރެއިންވާ އެއްޗަކަށް ވާތީއެވެ. އަދި ކުށްވެރިކުރުން އައިސްފައިވަނީ، މި ވަލީމާއާއި މި ކެއުން، މުއްސަނދިންގެ ތެރެއިން އެއަށް ބޭނުންޖެހިފައިނުވާ މީހުންނަށް އެކަނި ޚާއްޞަކޮށް، އަދި ފުދުންތެރިކަން ހުރުމުގެ ސަބަބުން ދަޢުވަތު ދިނަސް ވަލީމާތަކަށް ނުދާ މީހުންނަށް ދަޢުވަތުދީ، އަދި އެއަށް ޙާޟިރުވުމަށް އެދިއެދިތިބޭ ބޭނުންޖެހިފައިވާ މީހުންނާއި، ފަޤީރުންގެ ތެރެއިން އެއަށް ބޭނުންޖެހިފައިވާ މީހުން ދޫކޮށްލުމުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބަކީ، ވަލީމާތަކަށް ދަޢުވަތު ދޭންޖެހޭނީ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް ކަމުގައި ވާތީއެވެ. ސަބަބަކީ އެއީ ﷲ تَعَالى އޭގައި ބަރަކާތް ލައްވާ ކަމެކެވެ. އަދި އެއަށް ޙާޟިރުވި އެންމެންނަށާއި، އެއެންމެން އެކަމަކަށް އެއްވި މުނާސަބަތަށް (ކައިވެންޏަށް) ހެޔޮކަމާއި ބަރަކާތް ލިބުމުގެ ސަބަބެއް ކަމުގައި އެކަން ހައްދަވައެވެ. ފަހެ، (ވަލީމާ ބާއްވާ އިރު) މި މާނައަށް ސަމާލުކަން ދޭންޖެހެއެވެ.
[ސުވާލު] ވަލީމާ ބާއްވާ މީހާ މިކަމާ ޚިލާފުވެ، ފަޤީރުން ދޫކޮށްލުމަށްފަހު ހަމައެކަނި މުއްސަނދިންނަށް ދަޢުވަތު ޚާއްޞަކޮށްފިނަމަ، އޭނާގެ ދަޢުވަތު ޤަބޫލުކުރަންޖެހޭނެހެއްޔެވެ؟
ނަބިއްޔު ﷺ މި ވަލީމާގެ އުނިކަމާއި އެކަމުގެ ދަށުދަރަޖަކަން ބަޔާންކޮށްދެއްވުމަށްފަހު ޙަދީޘް ކުރެއްވީ «وَمَنْ لَمْ يُجِبِ الدَّعْوَةَ ، فَقَدْ عَصَى اللهَ وَرَسُولَهُ» ((އަދި (ދަންނާށެވެ) ދަޢުވަތަށް އިޖާބަނުދީފި މީހާއިީ، ﷲ އާއި އެއެކަލާނގެ ރަސޫލާއަށް (ނުކިޔަމަންތެރިވެ) އުރެދިއްޖެމީހެކެވެ.)). ފަހެ، އެކަލޭގެފާނު ﷺ ބަޔާންކޮށްދެއްވީ ދަޢުވަތަށް އިޖާބަ ނުދީފިނަމަ — އަދި މިތާނގައި ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ދަޢުވަތުގެ މާނައަކީ ކައިވެނިގެ ދަޢުވަތު އެކަންޏެވެ. އަދި ޢިލްމުވެރިންގެ ބައިގަނޑެއްގެ ގާތުގައި އެއީ ކައިވެންޏާއި އެއާއި އެއްފަދަ ޙަފުލާތަކެވެ. — އެކަލޭގެފާނު ﷺ ބަޔާންކޮށްދެއްވީ ދަޢުވަތަށް އިޖާބަ ނުދީފިނަމަ އެމީހަކު އެވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދުމެއްގެ ތެރެއަށް ވެއްޓިފައިކަމެވެ. ޙަދީޘް ކުރެއްވީ، އެއީ ((ﷲ އާއި އެއެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހެކޭ)) އެވެ. އަދި މިކަމުން އެނގެނީ ވަލީމާއަށް ދިއުމުގެ އަޞްލަކީ ވާޖިބެއް ކަމެވެ.
އެހެނަސް މިބަސްފުޅު މާނަ ކުރެއްވުނުގައި ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައިވެއެވެ؛ އޭގެ މުރާދަކީ ފަރުޟު ޢައިނެއް ހެއްޔެވެ؟ ނުވަތަ ފަރުޟު ކިފާޔަތެއް ހެއްޔެވެ؟ ނުވަތަ އެއީ ވާޖިބުވުމަކާ ނުލައި ޙާޟިރުވުމަށް ބާރުއެޅުއްވުމުގެ ގޮތުން ވިދާޅުވެފައިވާ ބަސްފުޅެއް ހެއްޔެވެ؟
މިކަމުގައި ޢިލްމުވެރިންގެ ތިން ރައުޔެއްވެއެވެ. އިބްނު ޢަބްދިލްބައްރު ނަޤުލު ކުރައްވާފައިވާ ގޮތުގައި، މުންކަރާތްތަކުން (ޝަރުޢީ ގޮތުން މަނާކުރެވިފައިވާ ކަންކަމުން) އެ ވަލީމާއެއް ސަލާމަތްވެގެންވާނަމަ، ދަޢުވަތު ޤަބޫލުކުރުން ވާޖިބުވާނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އަދި މިކަމުން ދަލާލަތުކުރަނީ، ޢިލްމުވެރިންގެ ޢާންމު ރައުޔަކީ ވަލީމާއަށް ޙާޟިރުވުމަކީ ވާޖިބެއް ކަމާއި، އެއީ ފަރުޟު ކިފާޔަތެއް ނޫންކަމާއި، އަދި އެއީ ވަލީމާއަށް (ކަނޑައެޅިގެން) ދަޢުވަތު ދެވޭ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟު ޢައިނެއް ކަމެވެ. އަދި މި ރައުޔަކީ ޙައްޤު ގޮތާ އެންމެ ގާތް ރައުޔެވެ.
ނަމަވެސް، ދަޢުވަތު ޤަބޫލުކުރުމަށްޓަކައި ޢިލްމުވެރިން ޝަރުޠުތަކެއް ޛިކުރުކުރައްވާފައިވެއެވެ. ފަހެ ދަޢުވަތު ޤަބޫލުކުރުން ވާޖިބުވާ ޝަރުޠުތަކުގެ ތެރޭގައި:
ފުރަތަމަ ޝަރުޠު: އޭގައި މުންކަރާތެއް ނުވުން.
ދެވަނަ ޝަރުޠު: މިހަކަށް ގެއްލުމެއް ލިބޭނެ ކަމެއް އޭގައި އެކުލެވިގެން ނުވުން؛ (އެބަހީ) ދަޢުވަތު ދެވޭ މީހާއަށް އޭގެ ސަބަބުން ގެއްލުމެއް ނުލިބުން.
ތިންވަނަ ޝަރުޠު: އޭނާ އަދާކުރަންޖެހޭ ނުވަތަ އިސްކަންދޭންޖެހޭ މުހިންމު ކަމަކުން އޭނާ މަޝްޣޫލުކުރުވާ (އަވަދިނެތިކުރުވާ) ކަމަކަށް އެކަން ނުވުން.
ހަތަރުވަނަ ޝަރުޠަކީ: ދަޢުވަތު ދިނުމުގައި އޭނާ (ވަކިން) ޚާއްޞަކުރުމެވެ.
މިއީ ދަޢުވަތަށް އިޖާބަދިނުން ވާޖިބުވާ ކަންކަމުގައި ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ޝަރުޠުތަކެވެ. މީގެ އިތުރުން މައުޟޫޢުގައި ވާ ޙަފީޘުގައި ވާ ވަލީމާ ދަޢުވަތަކީ ކައިވެނީގެ ވަލީމާއަށް އެކަނި ޚާއްޞަ ވެގެންވާ ބަސްފުޅެއްކަމަށް ނިންމަވާ ޢިލްމުވެރިންގެ ގާތުގައި:
ފަސްވަނަ ޝަރުޠަކީ: އެއީ ކައިވެނީގެ ވަލީމާއެއް ކަމުގައި ވުމެވެ.
ވީމާ، ޝަރުޠުތަކުގެ ޚުލާޞާއަކީ: ދަޢުވަތުގައި މުންކަރާތެއް ނުވުމާއި، އިޖާބަދިނުމުން މީހާއަށް ގެއްލުމެއް ނުލިބުމާއި، އެއަށްވުރެ މުހިންމު ނުވަތަ އިސްކަންދޭންޖެހޭ ވާޖިބު ކަމަކުން އޭނާ އަވަދިނެތިނުކުރުވުމާއި، އަދި ދަޢުވަތުގައި ދެވޭ އިރު (ޢާންމުގޮތެއްގައި ނުވެ) އޭނާ ޚާއްޞަކުރުމެވެ. އަދި މި ޝަރުޠުތައް ހަމަވެއްޖެނަމަ، އެއަށް ޢިޖާބަނުދީ ފަސްޖެހުން ނުވެއެވެ. ޚާއްޞަކޮށް އެއީ ކައިވެނީގެ ދަޢުވަތެއް ކަމުގައިވާނަމައެވެ.
މީގެ އިތުރުން ދަޢުވަތަށް އިޖާބަދިނުމަކީ، އަބޫ ހުރައިރާ (رَضِيَ ٱللَّٰهُ عَنْهُ) ގެ ޙަދީޘްފުޅުގައި ނަބިއްޔު ﷺ ޛިކުރުކުރައްވާފައިވާ ފަސް ނުވަތަ ހަ ޙައްޤުގެ ތެރޭގައި ހިމެނުއްވި، މުސްލިމަކަށް އަނެއް މުސްލިމެއްގެ މައްޗަށް އޮތް ޙައްޤުތަކުގެ ތެރެއިންވާ ކަމެކެވެ: «حق المسلم على المسلم ست... وإذا دعاك فأجبه» ((މުސްލިމަކަށް އަނެއް މުސްލިމެއްގެ މައްޗަށް އޮތް ޙައްޤުތައް ހައެކެވެ... އަދި އޭނާ ތިބާއަށް ދަޢުވަތު ދީފިނަމަ އެއަށް އިޖާބަދޭށެވެ)). ވީމާ، އެ ދަޢުވަތަށް އިޖާބަދިނުމަކީ އޭނާގެ ޙައްޤުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެއީ ވާޖިބު ޙައްޤުތަކުގެ ތެރެއިންވާ ކަމެކެވެ.
ދަޢުވަތު ދޭ މީހާ، ފަޤީރުން ދޫކޮށްލުމަށްފަހު ހަމައެކަނި މުއްސަނދިންނަށް ދަޢުވަތު ޚާއްޞަކޮށްފިނަމަ، އެ ދަޢުވަތަށް އިޖާބަދިނުން ވާޖިބުވާނެހެއްޔެވެ؟
މިކަމުގައި ޢިލްމުވެރިންގެ ދެ ރައުޔެއްވެއެވެ: އޭގެ ތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެ ދަޢުވަތަށް އިޖާބަދިނުން ވާޖިބުނުވާނެ ކަމަށެވެ. އެއީ ކީއްވެގެންހެއްޔެވެ؟
އެބޭފުޅުން (އިޖާބަދިނުން ވާޖިބު ނުވާނެއޭ ވިދާޅުވާ ބޭފުޅުން) ވިދާޅުވިއެވެ: ސަބަބަކީ އޭނާ އެވަނީ މުންކަރާތެއްގެ ތެރެއަށް ވެއްޓިފައެވެ. އެއީ ދަޢުވަތު ދިނުމުގައި ހަމައެކަނި މުއްސަނދިންނަށް ޚާއްޞަކުރުމެވެ. ފަހެ، މިކަމުގެ ސަބަބުން ދަޢުވަތަށް އިޖާބަދިނުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް (އެބަހީ: މުންކަރާތެއް ނުވުން) ނަފީވެއެވެ.
އެނޫން ޢިލްމުވެރިން ވިދާޅުވިއެވެ: ނޫނެކެވެ، މިއީ ވަކި ކަމެކެވެ. އަދި އާންމު ގޮތެއްގައި މިކަން އެނގޭނީވެސް އެމީހަކު އެތަނަށް ޙާޟިރުވުމުންނެވެ. އަދި އެހެންކަމުން، [ޙަދީޘުގެ ބޭރުފުށަށް ދޭހަ އޮތް ފަފައިން] ދަޢުވަތަށް އިޖާބަދިނުން ވާޖިބުވާނެއެވެ. ފަހެ، އޭނާ ދިއުމަށްފަހު، ދަޢުވަތު ދިން މީހާ ހަމައެކަނި މުއްސަނދިންނަށް ޚާއްޞަކޮށްފައިވާކަން އެނގިއްޖެނަމަ، ފަޤީރުން ދޫކޮށް މުއްސަނދިންނަށް ދަޢުވަތު ޚާއްޞަކުރުމާމެދު ނަބިއްޔު ﷺ ކުށްވެރިކުރެއްވި ކަންތައް ކަނޑުވައިލުމަށްޓަކައި، ބައެއް ފަޤީރުންނަށް ދަޢުވަތު ދީގެން ވިޔަސް އެކަން އިޞްލާޙުކުރުމަށް އޭނާއަށް ނަޞޭޙަތްތެރިވާނީއެވެ.
[[ނޯޓް: އަދިވެސް ދެވަނަ ރައުޔުގެ ބޭކަލުން ވިދާޅުވިއެވެ: މިޙަދީޘުގެ ދެވަނަބައިގައި ދަޢުވަތަށް ޢިޖާބަ ދިނުމުގެ ވާހަކަ ނަންގަންނަވާފައިވަނީ މިހެންވެއެވެ. އެއީ އެކަމުގެ ނުރުހުންތެރިކަމާއި އެކުވެސް އޭގައި އެވެރިން ބައިވެރިވެވުމެވެ. އައްނަވަވީ ވިދާޅުވިއެވެ: ”...އަދި އޭގައި (އެ ވަލީމާގެ) ކެއުން ޙަރާމްކަމަށް ދަލާލަތުކުރާ އެއްވެސް ކަމެއް މީގައި ނެތެވެ. ސަބަބަކީ (އެފަދަ ދަޢުވަތަކަށް) އިޖާބަދިނުން ޙަރާމްކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވެފައި ނުވާތީއެވެ. އަދި ކީއްތޯއެވެ! މިމައްސަލައަކީ 'އެންމެ ހެޔޮ ގޮތް ދޫކޮށްލުން' (ترك الأولى) ގެ ބާބުންވާ ކަމެކެވެ. އެއީ: «خير صفوف الرجال أولها وشرها آخرها» ((ފިރިހެނުންގެ އެންމެ ހެޔޮވެގެންވާ ސަފަކީ (އެބަހީ: ނަމާދު ޖަމާޢަތުގައި) ފުރަތަމަ ސަފެވެ. އަދި އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ.)) މި ޙަދީޘްފުޅުގައިވާ ފަދައިންނެވެ. އަދި އެންމެ ފަހު ސަފުގައި ނަމާދުކުރުމަކީ ޙަރާމް ކަމެކޭ އެއްވެސް ބޭފުޅަކު (މިއިން ދަލީލު ނަންގަވައި) ވިދާޅެއް ނުވެއެވެ. އަދި މި ޙަދީޘްގެ މަޤްޞަދަކީ ފަޤީރުންނަށް ދަޢުވަތު ދިނުމަށް ބާރުއެޅުމާއި، ހަމައެކަނި މުއްސަނދިންނަށް ދަޢުވަތު ޚާއްޞަނުކުރުމެވެ."— اهـ. މުއްލާ ޢަލީ އަލްޤާރީ ވިދާޅުވިއެވެ: ”އަލްޤާޟީ ވިދާޅުވިއެވެ: ...(އަދި ދަޢުވަތު ދޫކޮށްލާ މީހާ) މިއީ (ބަހުގެ ޤަވާޢިދުން) ޙާލަތު ބަޔާންކުރާ ކަލިމައެކެވެ. އަދި ކަންކުރާ މީހާ (ވަލީމާ ބާއްވާ މީހާ) އޭގައި ދަޢުވަތު ދެނީ މުއްސަނދިންނަށެވެ. އަދި އޭގެ ޙާލަތަކީ (އެކަން އެހެން އޮތަސް އެ ދަޢުވަތަށް) އިޖާބަދިނުން ވާޖިބުވެގެންވުމެވެ. އެހެންކަމުން ދަޢުވަތު ދެވޭ މީހާ އިޖާބަދީ، އެ 'އެންމެ ނުބައިވެގެންވާ ކެއުން' ކަޔެވެ (އަލްޤާޟީގެ ބަސްފުޅު ނިމުނީ). [މިއިން ދޭހަކޮށްދޭ] ޚުލާޞާއަކީ، ކެއުމުގެ ނުބައިކަމާއި ގެއްލުން އޮތީ އޭގެ ޒާތުގައި އެކާނާ އަކަށް ނޫންކަމެވެ. ނަމަވެސް، ޖުމްލަކޮށް މުކަންތަކުގައި އެކުލެވިގެންވާ ނުބައި ޙާލަތްތަކާއި ޞިފަތަކުގެ މައްޗަށް ކަމެވެ."— اهـ (މަޞްދަރު)]]
އަދި މި ޙަދީޘްތަކުގެ ސިޔާޤުގައި، ޖުމްލަކޮށް މި ޙަދީޘްފުޅުގެ މަޤްޞަދަކީ، އިންސާނާ ނިކަމެތިންނާއި، ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް ރިޢާޔަތްކުރުމާއި، އެބައިމީހުންނާމެދު ޣާފިލުނުވުމާއި، އަދި އޭނާގެ އުފާވެރި މުނާސަބަތުތަކުގައި އެބައިމީހުން ބައިވެރިކުރުން އެދެވިގެންވާ ކަމެވެ. ފަހެ، އެކަމުގެ ސަބަބުން އީމާންކަމުގެ އަޚުވަންތަކަން ޙާޞިލުވެ، އަދި އޭނާ ވެގެންދާނީ ރަޙްމަތްލެެްވުމަށް އެދެވިގެންވާ ރަޙުމްކުރާ މީހުންގެ ތެރެއިންނެވެ. އެހެނީ، ⌝މީސްތަކުންނަށް⌜ ރަޙުމްކުރާ މީހުންނަށް ﷲ ރަޙުމްކުރައްވައެވެ. ފަހެ، މިކަމަށް ސަމާލުކަން ދިނުން އެދެވިގެންވެއެވެ. އަދި އިންސާނާ އޭނާގެ އެންމެހައި އަޚުން ބައިވެރިކުރުމާއި، އިސްކަންދޭ މީހުންނަކީ ހަމައެކަނި ޖާހާއި ޢިއްޒަތާއި މުއްސަނދިކަން ހުރި މީހުން ކަމުގައި ނުހެދުން ހުއްޓެވެ. ސަބަބަކީ، ﷲ تَعَالى ވަޙީކުރައްވާފައިވާ ފަދައިން: ﴿إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ﴾ ((މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ.)) [އަލްޙުޖުރާތު: 10]، ކޮންމެ މުއުމިނަކަށްމެ ޘާބިރުވެގެންވާ އީމާންކަމުގެ އަޚުވަންތަކަމުގެ ޙައްޤު އެބައިމީހުންނަށްވެސް ލިބިގެންވާތީއެވެ.
އަދި އެބައިމީހުންގެ ބޭނުންތައް ފުއްދައިދީ، ކަންކަން ހަމަޖައްސައިދިނުމުގައި ބޮޑުވެގެންވާ ދަރުމައާއި އަޖުރުވެއެވެ. ފަހެ، އަޅަމެންނަށާއި ތިޔަ ކަތުންނަށް ރަޙްމަތް ލެއްވުމަށާއި، އިޙްސާންތެރިވުމުގެ މައްޗަށް އަޅަމެންނަށާއި ތިބާމެންނަށް ވާގިވެރިވުމަށާއި، އަދި އެންމެ ހެޔޮވެގެންވާ ބޭފުޅާ (ނަބިއްޔު ﷺ) ގެ ސުންނަތުގައި ހިފުމުގައި އިސްނަގާ މީހުންގެ ތެރެއިން އަޅަމެން ލެއްކެވުމަށް ﷲގެ ޙަޟްރަތުން އެދި ދަންނަވަމުއެވެ. وصلى الله وسلم على نبينا محمد.
— ކުޑަބަދަލުތަކަކާއި އެކު، އަލްމުޞްލިޙު ގެ ފަތުވާއިން (މަޞްދަރު)
(އިތުރަށް ބަލައިހޯދުމަށް، ފޮތް "إجابة الدعوة وشروطها")
~ ގަލަންދާނު
ــــــــــــــــــــــــــــــــــــــــــــــــــــــ
📝 އަހަރެން ބުނަމެވެ: އަދި ފަޤީރުންނާއި މުއްސަނދިން ދެބައިކޮށް ދަޢުވަތު ދިނުމުގެ ކަންތަކުގައި ޢިލްމުވެރިން ލުއި ދެއްވިއެވެ. ވަކިން ޚާއްޞަކޮށް އެކަމުގައި އެދެވޭ މަޞްލަޙަތެއް އޮވެއްޖެނަމައެވެ. އެހެނަސް އެއީ ކާނާއާއި މެހެމާންދާރީގައި ފަރަޤުކުރުމެއް ނޫނެވެ. އަދި އިބްނު ޢުމަރުގެ އަރިހުން މިކަމުގައި ޢަމަލުފުޅެއް ވާރިދުވެފައި ވެއެވެ. މިއާއި އެކުވެސް މިފަދަ ކަމަކީ އަދުގެ ދިވެހިރާއްޖެ ފަދަ ތަނެއްގައި ވުން ނާދިރު މަޞްލަޙަތެކެވެ.
މީގެ އިތުރުން، ”ޚާއްޞަ ކެއުންތައް (الولائم الخاصة)، މިޘާލަކަށް މުސްލިމަކު އޭނާގެ ރައްޓެއްސަކަށް، ނުވަތަ ތިމާގެ މީހަކަށް، ނުވަތަ ޚާއްޞަ ބަޔަކަށް ދަޢުވަތު ދިނުމަށް ތައްޔާރުކުރާ ކެއުންތަކާއިމެދު ދަންނައެ، އެކެއުން ތައްޔާރުކުރެވުނު ފަރާތްތަކަށް އެކަނި ޚާއްޞަވުމަކުން އެކަމުގައި އޭނާއަށް އެއްވެސް ގޯހެއް ނެތެވެ. ޞަޙާބީން ނަބިއްޔު صَلَّى اللَّه عَلَيْهِ وَسَلَّمَ އަށް ކެއުމަށް ދަޢުވަތު ދެއްވައި އުޅުއްވިއެވެ. އަދި އެކަލޭގެފާނު އެ ދަޢުވަތުތަކަށް އިޖާބަ ދެއްވައެވެ. ނަމަވެސް، މިފަދަ ޙާލަތްތަކުގައިވެސް އެކަން ކުރަންވާނީ އެވެނި މީހަކީ މުއްސަންޖެއް ކަމުގައި ވީތީއެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ! އޭނާއާ އޮތް ތިމާގެކަމުގެ ގުޅުމަށްޓަކައި، ނުވަތަ އެކުވެރިކަމުގެ ގުޅުމަށްޓަކައި، އަދި މިނޫންވެސް މުސްލިމަކަށް ދަރުމައާއި ޘަވާބު ލިބެނިވި ހެޔޮ ޤަޞްދުތަކަށްޓަކައެވެ.“ (މިނުކާ ނެގިފައިވާ މަޞްދަރު)
📌ފައިދާއެއް: ރިޔާޟުއް ޞާލިޙީންގެ ދިވެހި ތަރުޖަމާގައި މިބާބުއާއި ވިދިގެން ތަރުޖަމާނު ގެންނެވި ނޯޓު:
❞ ނޯޓް: އިސްވިދިޔަ ދެ، ޙަދީޘުގައި އިންޤާރުކުރައްވައިފައިވާ, ނުބައިކަމުގެ އިތުރަށް، ފަހަކަށްއައިސް، ތަނަވަސް ކަމުގެ އަހުލުވެރިންނާއި، އެބައިމީހުންގެ ޢަމަލުތަކުން އަސަރުކޮށްގެން، ދެރަ ނިކަމެތި އާދައިގެ މީހުންވެސް ކައިވަނީގެ، ވަލީމާގެ ޙަފުލާތަކަށް ކުރަމުންދާ ބޭކާރު، ޚަރަދުތަކާއި، އިޞްރާފަކީ، ދީނީގޮތުންނާއި، އަޚުލާޤީގޮތުންނާއި، އިޖުތިމާއީގޮތުން، ނުރަނގަޅު، އެތައްކަންތައްތަކެއް، އެކުލެވިގެންވާ، ކަމެކެވެ.، ދީނީގޮތުން ބަލާއިރު، ކައިވަނިވާ، ދެކުދިން، ލުމަތްޓަކައި، ތައްޔާރުކުރެވޭ، އަގުބޮޑު، ހެދުމާއި، ވަލީމާގެ ޙަފުލާއަށް، ތައްޔާރުކުރެވޭ، ބާވަތްބާވަތުގެ، ކެއުންތަކާއި، ޙަފުލާ، ބާއްވާ، ޖަގަހަ ތައްޔާރުކުރުމަށްކުރެވޭ، ހޭދައާއި، މިހެންގޮސް ކައިވަނީގެ ޙަފުލާތަކަށް ކުރެވޭ ބޮޑު ހޭދައަކީ، އިސްލާމުދީނުގައި ގަދައަށް ނަހީކުރައްވައިފައިވާ އިސްރާފުކުރުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުގެ ޢިބާރާތުންނަމަ "ހަމަކަށަވަރުން، އިސްރާފުކުރާ މީހުންނީ ޝައިޠާނާގެ އަޚުންކަމުގައިވޫއެވެ."
މިކަމުގައިވާ އަޚުލާޤީ ގެއްލުމަކީ، އިސްވެ ބަޔާންވިފަދަ އަގުބޮޑު ކައިވެނި ޙަފުލާތަކަށް ދަޢުވަތުދެވެނީ، "ތިމާމެންނަށް އަރަފޯދިގެންވާ" މޮޅު މީހުންނަށް ކަމުގައިވުމެވެ. އަދި މުޖުތަމަޢުގައި ކާއެތިކޮޅަކަށް ކޮންމެހެން ބޭނުންވެފައިވާ ދެރަ ނިކަމެތި ފަޤީރުންނާއި މިސްކީނުން، އެފަދަ ޙަފްލާތަކުގައި ބައިވެރިވުމުން މަޙްރޫމުވުމެވެ. ޙަޤީޤާތުގައި އެފަދަ "މޮޅު" މީހުންނަކީ، އެބައިމީހުންނަށް ކާއެތިކޮޅަކަށް ބޭނުންޖެހިފައިވާ ބަޔެއް ނުމެނޫންމެއެވެ.
މިފަދަ އަގުބޮޑު ކައިވަނީގެ ޙަފްލާތަކަށް މުޖުތަމަޢުގެ ދެރަވަރު މީހުންނަށް ދަޢުވަތުދިނުމަކީ ތިމާމެންގެ އަގުވެއްޓޭކަމެއްކަމުގައި އެބައިމީހުން ދެކެއެވެ. އިސްލާމީ ނަޒަރުންބަލާއިރު މިފަދަ ކޮންމެ ކަމެއްގައި ވެސް އިސްކަންދިނުން ޙައްޤުވެގެންވަނީ، މުޖުތަމަޢުގެ ދެރަ ނިކަމެތި ބޭނުންތެރިންނަށެވެ.
މިކަމުގެ އިޖުތިމާއި ގެއްލުމަކީ، މުޖުތަމަޢުގެ ނިކަމެތި މީހުންގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ތިމާމެންގެ ނުކުޅެދުންތެރިކަމާއި އަގެއްނެތްކަމުގެ އިޙުސާސް އުފެދުމެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންނާމެދު ނަފުރަތާއި ރުޅިވެރިކަމުގެ ޝުޢޫރު އެބައިމީހުންގެ ހިތުގައި އުފެދުމެވެ. ނަތީޖާއަކަށްވަނީ، މުސްލިމުންގެ އެއްބައެއްވަންތަކަމުގެ އިޙުސާސް ނެތިގެންދިޔުމެވެ. ގިނަގުނަ އިޖުތިމާއި މައްސަލަތައް ދެބައިމީހުންގެ މެދުގައި އުފެދުމެވެ.
އިސްލާމީ މުޖުތަމަޢުތަކުގައި މިފަދަ ބޮޑު ހޭދަކޮށްގެންކުރެވޭ ކައިވެނިތަކުގެ ނަތީޖާ ފެނިގެންދަނީ ކިހިނެއްތޯ ބަލާއިރު، ވަރަށް ހިތާމައާއެކު ކަށަވަރުވަނީ، ގިނަފަހަރަށް އެފަދަ އިސްރާފުބޮޑު ކައިވެނިތަކުގެ ނަތީޖާ ފެންނަނީ މީހުން އުއްމީދުކުރާހާ އުފާވެރިކޮށް ނޫންކަމެވެ. ގިނަ ކައިވެނިތައް ލަހެއްނުވެ ރޫޅިގެންދެއެވެ. ނުވަތަ ދެމަފިރިން ވަރިނުވި ނަމަވެސް، ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުމާއި މައްސަލަތަކުން ފުރިގެންވާ ކައިވެނިތަކެއްކަމުގައިނޫނީ، އެފަދަ ގިނަ ކައިވަނީތައް ނުވެއެވެ.
ކައިވަނީގެ ޙަފުލާތަކާއި އެނޫންވެސް ކެއުމުގެ ޙަފުލާތަކުގައި މުސްލިމުން ކުރަމުންގެންދާ އިސްރާފާއި ބޭކާރު ހަރަދުތައް ނުކޮށް، އެ ޙަފުލާތަކަށް ގާތްމީހުންނާއި، އެކުވެރި ރަޙުމަތްތެރިންނާއެކު މުޖުތަމަޢުގެ ދެރަނިކަމެތި މީހުންނަށް ވެސް ދަޢުވަތުދޭ ކަމުގައިވާނަމަ އެބައިމީހުންނަށް ﷲ ގެ ރުއްސެވުމައި ބަރަކާތް މިންވަރުކުރައްވައި، ދުނިޔެއާއި އާޚިރަތުގެ ގެއްލުމާއި ހަލާކުން އެބައިމީހުން ސަލާމަތްކުރައްވާނެކަން ކަށަވަރެވެ.
ޙަދީޘްގައި ވަލީމާގެ ދަޢުވަތު ޤަބޫލުކުރުމަށް ބާރުލައްވައިފައި އެވަނީ، ބަޔާންވެދިފަދަ ނުރަނގަޅު ކަންތައްތަކުން ސަލާމަތްވެ، އިސްލާމްދީނުގެ އުސޫލުތަކަށް އިޙުތިރާމުކުރުމާއެކު، އިސްލާމްދީން ކަނޑައެޅިގެން ނަހިކުރާ ކަންތައްތަކުން އެއްކިބާވެގޮތުގައި ތައްޔާރުކުރެވޭ ވަލީމާގެ ދަޢުވަތުގެ ވާހަކައެވެ.
އިތުރު ބައެއް ތަފުޞީލާއެކު ޙާފިޘް ޞަލާޙުޢްދީނު ޔޫސުފުގެ ތަރުޖަމާއިން (1/266) ނަގާފައި — މުތަރުޖިމު) ❝.
— ރިޔާޟުއްޞާލިޙީންގެ ދިވެހި ތަރުޖަމާއިން، ގެނެވުނު ނޯޓު، މިހިސާބަށް، ނިމުނީ.